ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަގްސަދުގައި މެއި މަހުގެ ތެރޭގައި އީ-ވޮލެޓް ތައާރަފް ކުރެވޭ ވަރު ވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މެއި މަސް ނިމި އޮގަސްޓް މަހުގެ ނިމޭ ހިސާބަށް ދިޔަ އިރުވެސް އީ-ވޮލެޓް ތައާރަފް ކުރެވިފައިނުވާކަން ހާމަވެެއްޖެ އެވެ.
ކުދި ވިޔަފާރިތައް ބޭނުންވާ އީ-ވޮލެޓް އާއި ޕޭޕަލްގެ ޚިދުމަތް ދޭނެ ކަމަށް ވައުދުވެ، އެމަނިކުފާނު ވެރިކަމަށް ވަޑައި ގަތީ، ޒުވާނުންގެ ވޯޓާއި އެކީއެވެ. އެންމެފަހުން، ރައީސް މުއިއްޒު އީ-ވޮލެޓްގެ ވާހަކަ ދެއްކެވީ ވެރިކަމަށް ވަޑައިގެން 21 މާރޗްގައެވެ.
އެގޮތުން ”ރައީސްގެ ޖަވާބު“ ޕްރޮގްރާމްގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، އަބްދުﷲ އިނާން ކުރި ސުވާލެއްގައި ބުނެފައި ވަނީ އީ-ވޮލެޓްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، އެކަމުގެ އަދާހަމައެއް އޮޅުން ފިލުވަން ބޭނުންވާ ކަމަށް ވެސް އެ ޒުވާނާ ބުނެފައިވެއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދު ކުރައްވަނީ އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އޭގެފަހުން ޕޭޕަލްގެ ވާހަކަ އެއްވެސް ފަރާތެއް ނުދައްކާ ހުރެ، ދެން ފެނުނީ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ޕޯސްޓެއް ކުރައްވާ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމަށްހުރި ގޮންޖެހުންތަކަށް ހައްލު ގެނައުމަށް އެކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފި ކަމަށް ވިދާޅުވި މަންޒަރެވެ.
ނަމަވެސް މިހާ ދުވަސްވެގެން ދިޔައިރު ޕޭޕަލް ތައާރަފް ނުކުރެވި ލަސްވީ ކީއްވެގެން ކަމެއް ހާމަކޮށްދެއްވާފައި ނުވެއެވެ.
އަދި އަވަސް މުސްތަގުބަލެއްގައި ވެސް ޕޭޕަލް ތައާރަފް ކުރާނެ ތާރީހެއް ހާމަކޮށްފައި ނުވެއެވެ.