June 16, 2026
Advertisement
ރަށްރަށުގެ ފެނާ ނަރުދަމާ ހުއްޓިފައި، މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ!
ރަށްރަށުގެ ފެނާ ނަރުދަމާ ހުއްޓިފައި، މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ! / ރައީސް އޮފިސް

ރަށްރަށުގެ ފެނާ ނަރުދަމާ ހުއްޓިފައި، މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ!

Jun 16, 2026, 01:15 PM
މާލެ ސިޓީ

އެކި ރަށްރަށުގައި ސަރުކާރުތަކުން ފަށފައި ހުރި ފެނާ ނަރުދަމާގެ ހިދުމަތްތައް މި ސަރުކާރުން ހުއްޓާލާއިފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް، ހައުންސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

Advertisement

މިނިސްޓަރު މުއްތަލިބު ހާޒިރުކުރަން ހުށަހަޅާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ވަޒީރުން ޖަވާބުދާރީ ކުރުވުމަށް މަޖިލިހުގެ ތެެރއިން ބުރަ މަސައްކަތަކެއް ކުރައްވާ މެމްބަރު، ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މައުލޫމާތު، އެއީ ކޮން ރަށްތަކެއް ކަމާއި އަދި އެ މަސައްކަތް އަލުން ފެށޭނެ ތާރީޚާ ނިމޭނެ ތާރީޚުތައް ހިމެނޭ ތަފްސީލާއެކު ސާފު ކޮށްދިނުމަށް އެދިފައެވެ.

ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު ފެނާ ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ތަކުރާރުކޮށް ފާޅުކުރަމުންދާއިރު ސަރުކާރުން މިކަމާ އެއްޗެއް ހާމަނުކޮށް އަދި ފޯރުކޮށްދޭން ޖެހޭ މައުލުމާތުވެސް ބައެއް ކައުންސިލްތަކަށް ފޯރުކޮށް ނުދީވެސް ހުރިކަން ހާމަވެފައިވެއެވެ.

އެގޮތުން މިނިސްޓްރީ އިން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ. ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ. އެ އަތޮޅު ވެލިދޫގެ އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް އަދިވެސް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުގުޅޭ ކަމަށާއި، މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވެސް ވަނީ މި އަހަރު ވިދާޅުވެފައެވެ. 

ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ރައްޔިތުން ފެނާއި ނަރުދަމާގެ މަޝްރޫއު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ތަކުލީފުގައި ކަމަށް މިފަހުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ވިދާޅުވެފަ އެވެ.  އަދި މ. ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމައި ރައްޔިތުންނާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން، ގދ. ވާދޫ ގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ހަމައެކަނި ރަސްމީކޮށް ބަޓަން އަށް ފިއްތާލައި، ޚިދުމަތް ދިނުން ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެފައިވާއިރު، އއ. ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި ކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved