
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި ސިނގިރޭޓު ޑިއުޓީ ކުޑަ ކުރަން ހަމަ އެމަނިކުފާނުގެ ސަރުކާރުން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ވަނީ، މި ސަރުކާރުން އަގު ބޮޑުކުރި ސިނގިރޭޓަކުން ނަގާ ޑިއުޓީ، އަލުން ހަތަރު ރުފިޔާއަށް ކުޑަކުރުމަށް އެދިފައެވެ.
ހޯމަ ދުވަހު (މާދަމާ) ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށް ހިމަނާފައިވާއިރު، އިސްލާހުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް ބުނެފައިވެއެވެ.
ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް) ނަގާ ޑިއުޓީ 4 ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
އެގޮތުން، ދުންފަތް ހުއްޓާލަން އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން 3.50ރ.އަށް ނަގަމުން ދިޔަ ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގަ އެވެ. މި ސަރުކާރުން އެ ބަދަލު އޭރު ގެނައީ ވޭޕް މަނާކުރުމާ އެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެއެވެ.
ނަމަވެސް ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްހާ ފަހުން މިދިޔަ 31 މެއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑިއުޓީ 4ރ.އަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަން ހާމަކުރައްވައިފައެވެ.
ނަމަވެސް އެއާ ޖެހިގެން އައި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް ވިދާޅުވެފައެވެ.










