
ރާއްޖޭގެ އެކި ކަންކޮޅުގައި 700 އަށްވުރެ ގިނަ މީހުންނާއެކު ވަރަށް ކުލަ ގަދަކޮށް ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުމުން އެކަމާ ނުހަނު ބޮޑަށް ދެކޮޅު ހަދާ އެކަން ކުށްވެރިކޮށް މުޒާހަރާވެސް ކޮށްގެން ކަމަށްވާއިރު، ޚުދު އެމަނިކުފާނުގެ ސަރުކާރުގައި ޔޯގާ ޑޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުގައި މިހާ ގިނަ މީހުން ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ޔޯގާ ދުވަހުގެ ޝިއާރަކީ "ޔޯގާ ފޯ ހެލްދީ އޭޖިން" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރި 12 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރިއެވެ.
ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފައި މި ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި ވަރަށް ގިނަ ބަޔަކު، ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އަޑު އުފުލާފައި އޮއްވައެވެ. އެ އިލްމުވެރިން ވަނީ، ޝިރުކުގެ އަމަލުތައް ގަބޫލުކޮށްގެން ނުވާނެ ކަމަށާ، ޝިރުކަށް ވެރިން ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޔޯގާގެ ނަމުގައި ހިންގާ ޖަރީމާ އިރުއަރާ ގަޑީގައި ހިންގަމުންދާއިރު އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ނަމާދުކުރުންވެސް ހަރާން ކުރައްވާފައިވާ ގަޑިއަކަށް ވެފައި އަދި ޝިރުކުގެ އަމަލެއް ކޮށްފި ނަމަ ތައުހީދު ނަފީކޮށްލުމަށް އެކަން ވެގެންދާނެ ކަމަށް އިލްމުވެރިން ހާމަކުރެއެވެ. ހަމައެހެންމެ ޝިރުކުކުރި މީހާއަށް ސުވަރުގެ ހަރާން ކުރައްވާ އެމީހެއްގެ ތަނަކީ ނަރަކަކަމުގައި ލައްވަވާފައިވާކަން ވެސް އިލްމުވެރިން ތަކުރާރުކޮށް ފާހަގަކުރައްވައެވެ.
ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރަކީ ދީނީ ޝިއާރުތައް ކުރިއަރުވާ ދީނާ ފުށުއަރާ ކަންކަމާ ދުރު ސަރުކާރެކެވެ. ނަމަވެސް މިފަދަ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.










