ޝައިޚް ފަޒްލޫން / ސޯޝަލް މީޑިއާ
ހަބަރު
ޔޯގާއަށް މުއިއްޒު ފުރުސަތު ދިނީ ލާދީނީ ވެރިއަކަށް ވާތީ: ޝައިޚު ފަޒުލޫން
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖޫން 2025
މާލެ ސިޓީ

ޝިރުކުގެ އަމަލެއްގެ ގޮތުގައި ޒަމާނުއްސުރެވެސް އިލްމުވެރިން ވިދާޅުވަމުން ގެންދާ ޔޯގާގެ އަޅުކަމަށް، ދީނީ ޓެގު އަޅުއްވައިގެން ވެރިކަމަށް ވަޑައިގެންނެވި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރައީސް ޑރ މުހައްމަދު މުއިއްޒު ފުރުސަތު ދެއްވުމުން ދީނީ އިލްމުވެރިޔާ ޝައިޚު ފަޒްލޫނު މުހައްމަދުގެ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.

ޝައިޚު ފަޒްލޫނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށާ ރައީސް މުއިއްޒު އެކަމަށް ފުރުސަތު ދިނީ އެމަނިކުފާނަކީ ލާދީނީ ވެރިއަކަށް ވާތީ ކަމަށެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ޝައިޚު ވިދާޅުވެފައިވަނީ، ޔޯގާއަކީ އޭރުވެސް މިހާރުވެސް ޝިރުކެއް ކަމަށާއި، އޭރު އެކަން ހުއްޓުވުނީ ކުރިން އިއުލާންކޮށް މާލޭގެ ފަސްގަޑުގައި އެ ހަރަކާތް ހިންގުމުން ކަމަށެވެ.

ޝައިޚު އިތުރަށް ވިދާޅުވީ މުހައްމަދު ކިޔަސް، އިބްރާހިމް ކިޔަސް މި ޝިރުކުގެ އަމަލަކަށް ރާއްޖޭގައި ފުރުސަތު ވެރިޔަކު ދޭނީ ލާދީނީ ވުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިފެންނަނީ އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެކަން ކަމަށާއި، ކުފުރުގެ ޑިމޮކްރަސީން އަންނާނެ ހެވެއް ނޯންނާނެ ކަމަށެވެ. އަދި ފުޅީގެ ބޭރުގައި ޒަމްޒަމް ޖަހާފަ އޮތަސް، އެތެރޭގައި ހުރީ ބަނގުރާކަމަށް ވާނަމަ، އެ ބޯ މީހާ ހުންނާނީ ދެބަންދިހާރަވެފައި ކަމުގައި ވިދާޅުވެ ޝައިޚު ފަޒްލޫނު ވަނީ ނުރުހުމުގެ ވަރުގަދަ ބަސްތަކެއް، ދީނީވެރި ކަމަށް ބޮޓުން ޕްރޮމޯޓުކުރާ ސަރުކާރަށް އަމާޒުކުރައްވާފައެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމު ކޮށްގެން ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައެވެ. ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އެހަފުލާގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ނަމަވެސް މީގެ ކުރިން ޔޯގާ ޑޭ ފާހަގަކުރުމާ ދެކޮޅަށް ނުކުތް ގިނަ ބަޔަކު މިއަދު ސަރުޚާރުގެ އިސް މަގާމުތަކުގައާ ރައްޔިތުންގެ މަޖިލީހުގައިވެސް ސަރުކާރު ތަމްސީލުކުރަން ތިބެމެ ވަނީ ހަނު ތިބުން ޚިޔާރުކޮށްފައެވެ. ރުހުނީމަ ހަލާލުވެފައި ނުރުހުނީމަ ހަލާލު ހަރާން ބަދަލުވަނީ ތޯއްޗެކެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved