
ރައީސް ޑރ މުހައްމަދު މުއިއްޒުގެ 5 އަހަރުގެ މި ދައުރަކީ ދިވެހި ރައްޔިތުން އަޅުދާސް ކުރުމުގެ ދައުރުގެ ގޮތުގައި، މާލީ ތަޖުރިބަކާރު އިސްމާއިލް ޒަރިޔަންދު ސިފަކުރައްވައިފިއެވެ.
ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ސަރުކާރުން އަމިއްލަ މީހުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭ ކަމަށާ މި ސަރުކާރުގައި ދާދި މިދާކަށް ދުވަހު 2.5 ބިލިއަން ބަހާލީ ވެސް ސަރުކާރުން ބޭނުންވާ ފަރާތްތަކުގެ ވިޔަފާރިތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިއަދު އޭގެ ޕްރޮޖެކްޓެއްގެ އަޑު ވެސް ނީވޭއިރު ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެއްވެސް ބިޑަކާ ނުލައި ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ބަހާލާފައިވާ ކަމަށް ވެސް ޒަރިޔަންދު ތުހުމަތު ކުރެއްވިއެވެ. ކްލާސްރޫމް އެޅުން ފަދަ ކަންތައްތައް ކުރުން ވެސް މިހާރު ކުރަނީ އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތަކުން ކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ ސަރުކާރު ކުންފުނިތަކަށް ޕްރޮޖެކްޓުތައް މި ސަރުކާރުން ހަވާލުކުރަމުން ދާދިއުމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ޒަރިޔަންދުގެ ވާހަކައިގައި ވަނީ، ސަރުކާރަށް ވާގިދޭ ފަރާތްތަކަށް ކަނޑައެޅިގެން ފައިސާ ދިނުމަށް ޕްރޮޖެކްޓް ހަވާލުކުރާކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އެކަންކަމަށް މަގު ފަހި ކުރުމަށް ވަކި ގަވާއިދުތަކެއް ހަދާ އެ ގަވާއިދުގެ ދަށުން ފްލެޓް އެޅުމަށް އާރްސީސީގެ އިތުރުން ސަރުކާރުން ބޭނުން 2 ކުންފުންޏަކަށް ދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ބޭނުން ވަރަކަށް ފައިސާ ޗާޕު ކޮށްގެން މުސާރަ ދެވިދާނެ ކަމަށާ ދިވެހި ކުންފުނިތަކަށް ފައިސާ ވެސް ދެވިދާނެ ކަން ފާހަގަކުރައްވާ ޒަރިޔަންދު ވަނީ. އެހެން ނަމަވެސް ބޭރު ފައިސާ ދައްކަން ޖެހޭ ހިސާބުން ރާއްޖެ ބަނގުރޫޓު ވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ސަރުކާރުގެ މައިގަނޑު ވިސްނުމުގެ ތެރޭގައި ދައުލަތުގެ މާލީ އިންތިޒާމު ވަށާޖެހޭ ގޮތް އެހާ ރަނގަޅަށް ސާފުނުވާކަން އޭނާއަށް ގަބޫލުކުރެވޭކަމަށް ވިދާޅުވެ ޒަރިޔަންދު ވަނީ އެހެން އެކަން ފަހުމު ނުވުމުން އެންމެ އާންމު މީހާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލާކަމަށް ވެސް ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
ޒަރިޔަންދު ސިފަކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ބަކަރި ކޮށްޓަކަށް ބަކަރިތައް ލައިގެން ފަތް ކޯޅިން އެއަށް ކާންދީގެން ބަކަރި ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހި ރައްޔިތުން ގެންގުޅެނީ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ވަޒީފާ ދީގެންނާ، ޕްރޮޖެކްޓުތައް ދީގެން ރައްޔިތުންގެ އުފެއްދުންތެރިކަމާ މަސައްކަތްތެރިކަން ވެސް ހުއްޓުވާ، މުޅި ސިސްޓަމް މިހާރު އޮތީ ހަލާކު ކޮށްލާފައި ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.










