
އެމެރިކާއިން އީރާނާއެކު އައު އެއްބަސްވުމަކަށް އަންނާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް، އިންޒާރުތަކާއި ފިއްތުންތައް ކުރިމަތިކުރާނަމަ މަޝްވަރާތައް ނުފެށޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ. އަރަޣްޗީ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަރަޣްޗީގެ ޕޯސްޓުގައި މި ފަހުން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 13 ވަނަ ޕެރެގްރާފަށް ހަވާލާދެއްވައި ވިދާޅުވީ، ދެފަރާތުން އިހުތިރާމްކުރުމުގެ މާހައުލެއެއް ނެތް ނަމަ، އެއްބަސްވުމަކަށް އައުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ހަމަނުޖެހުމާއި ބިރުދެއްކުމުގެ ސިޔާސަތެއް ގެންގުޅޭހާ ހިނދަކު، އީރާނުން އެއްވެސް ބާވަތެއްގެ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާގެ ދައުރުގައި އީރާނާއެކު އައު އެއްބަސްވުމެއް ގާއިމުކޮށް، އެ ގައުމުގެ ނިއުކްލިއަރ މައްސަލަ "ނިންމާލާނެ" ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާއިން ކުރިން އަމަލުކުރި ގޮތުން އިތުބާރު ގެއްލިފައިވާ ކަމަށާއި، މަޝްވަރާ ކުރެވޭނީ އަމަލީ ގޮތުން ހެޔޮ ބަދަލުތަކެއް ފެނިގެން ކަމަށެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ޓްރަމްޕްގެ މި ދައުރުގައި އީރާނާއި އެމެރިކާގެ ގުޅުން އިތުރަށް ވަނީ ގޯސްވެފައެވެ.










