July 19, 2026
Advertisement
-
-

ޕާކިސްތާނުގެ ޑޭމް ޕްރޮޖެކްޓަކަށް ދިން ހަމަލާއެއްގައި 9 ފުލުހުން މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jul 8, 2026, 12:09 AM
މާލެ ސިޓީ

ޕާކިސްތާނުގެ ހުޅަނގު ދެކުނު ބަލޫޗިސްތާން ޕްރޮވިންސްގައި ހިންގާ ޑޭމް މަޝްރޫއެއްގެ ފުލުހުންގެ މަރުކަޒަކަށް ހަތިޔާރުއެޅި ބަޔަކު ދިން ނުރައްކާތެރި ހަމަލާއެއްގައި ނުވަ ފުލުހަކު މަރުވެއްޖެއެވެ.

Advertisement

ލޯކަލް ޕޮލިސް އޮފިޝަލް ޒަހޫރު އަހުމަދު އަންގާރަ ދުވަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ އޮފިސަރުން ވެސް ހިމެނޭ ކަމަށެވެ. ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނު ޝާހިދު ރިންދު ވިދާޅުވި ގޮތުގައި، ހަމަލާދިން މީހުން ވަނީ އަށް ފުލުހަކު ރަހީނުކޮށްގެން ގެންގޮސްފައެވެ. ނަމަވެސް ފަހުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި އެ އެންމެން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޕެރަމިލިޓަރީ، ފުލުހުން އަދި ކައުންޓަރ ޓެރަރިޒަމްގެ މުވައްޒަފުން ގުޅިގެން ހިންގި "ޖޮއިންޓް ކްލިއަރެންސް އޮޕަރޭޝަން" ތަކުގައި ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން 15 މީހަކު މަރާލާފައިވާ ކަމަށް ވެސް ރިންދު ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ. ނަމަވެސް ތަރުޖަމާނު ރިންދު ތުހުމަތު ކުރައްވާ ގޮތުގައި މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ތާލިބާނުން (ޓީޓީޕީ) އެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު ހެކިތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނާއި އީރާނާ އިންވެގެން އޮންނަ، މައުދަނުން މުއްސަނދި މި ސަރަހައްދުގައި ދައުލަތުގެ ބާރުތަކަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކުގެ އިތުރުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އަމާޒުކޮށްގެން ހަތިޔާރު އެޅި ޖަމާއަތްތަކުން ހަމަލާތައް ދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ.

އަފްޣާން ތާލިބާނުންނާ ވަކިން ހަރަކާތްތެރިވާ ޓީޓީޕީން ބަލޫޗިސްތާނުގައި ވަރުގަދައަށް ފައިތިލަ ސާބިތުކޮށްފައިވާއިރު، އިސްލާމްއާބާދުގައި އޮންނަ ޕާކިސްތާނުގެ މަރުކަޒީ ސަރުކާރު ވައްޓާލުމަށް އެ ޖަމާއަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބަލޫޗިސްތާނަކީ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން އަބަދުވެސް ނުތަނަވަސްކަން ބޮޑު ސަރަހައްދެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved