
ސީރިއާގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ އޮޕަރޭޝަންސް ކޮމާންޑު ސެންޓަރަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ ސީރިއާގެ އަލް-ތަންފް އަސްކަރީ މަރުކަޒުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ކޮމާންޑު ސެންޓަރަށެވެ.
އައިއާރްޖީސީން ބުނި ގޮތުގައި މި ހަމަލާއަކީ މިދިޔަ ހަފްތާގައި އެމެރިކާއިން އީރާންޝާހަށް ދިން ހަމަލާގައި ޝަހީދުކޮށްލި އީރާނުގެ އަސްކަރިއްޔާގެ 7 ސިފައިންގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
މި ހަމަލާއާއެކު އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާކަން އިއުލާންކޮށްފައެވެ. އަދި އެމެރިކާގެ ހަމަލާތައް ކުރިއަށްދާހާ ހިނދަކު، އެ ކަނޑުއޮޅި މެދުވެރިކޮށް ތެލާއި ގޭސް ބޭރުކުރުން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް އަލުން ފެށިފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭ ކަމަށް ބުނެ މި މަހުގެ 8 ވަނަ ދުވަހު އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އެކި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.










