
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
އަމީޒާއަކީ މީރާގައި 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެކުރިން އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ އަމީޒާއަކީ، ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ޚާއްޞަކޮށް މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް ބޭނުންކުރައްވައިގެން ނުލިބި ހުރި ޓެކްސް އާމްދަނީ ހޯދުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާސް އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ފުރިހަމަކުރައްވާފައެވެ.
މި އައްޔަންކުރެއްވުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި، ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.










