
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މި ދެ ނޫސްވެރިންގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި މި ފަށަނީ، އެ މީހުންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމި، މިހާރު މިނިވަންވެފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓުން މި ދެ ނޫސްވެރިން ޖަލަށްލާން ހުކުމްކުރީ 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު 'ގެގް އޯޑަރާ' ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް، އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ނެރެފައިވާ އަމުރެއް ނޫން ކަމަށް ހައިކޯޓުން ފަހުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު އިބްރާހީމް މާހިރުއެވެ. މީގެ ކުރިން މި 'ގެގް އޯޑަރު' ގެ މައްސަލަ ރިވިއު ކުރި ބެންޗުގައިވެސް ދީބާނާޒް އަދި މާހިރު ހިމެނިވަޑައިގެންނެވިއިރު، އެ މައްސަލައިގައި ދެ ފަނޑިޔާރުންގެ ރައުޔު ތަފާތުވެފައިވާކަން ފާހަގަކުރެވެއެވެ.
ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ސިއްރުން ބޭއްވި މަޖިލީހެއްގައެވެ. 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި، ދެ ނޫސްވެރިންނަށްވެސް ދިފާއުވުމުގެ އެއްވެސް ފުރުސަތެއް ނުދީ ޝަހުޒާން 15 ދުވަސް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވަނީ ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނޫސްވެރިންނާ މެދު އަމަލުކުރި ގޮތުގެ މައްސަލަ ހައިކޯޓުގައި ފެށިގެންދާއިރު، މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ކޯޓުތަކުގެ އިޖުރާއަތްތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ފެނިގެންދާނެ މައްސަލައެއް ކަމަށް ބެލެވެއެވެ.










