އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީއިންނަށް ރޯދަ ވީއްލުން ބާއްވައިފިއެވެ.
މާލެ، ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ދިރިއުޅެމުން ދާ ބިދޭސީއިންނަށް ޚާއްސަކޮސްގެން ބޭއްވި މި ރޯދަ ވީއްލުން ބަހާފައިވަނީ ޕެކްތަކުގައެވެ.
މިއީ ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި އުރީދޫ އިން އެމްއެމްޑަބްލިއު މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ އެންޖީއޯ އެކެވެ.
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.
މީގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާނު މިސްކިތުގައި އުރީދޫ ކޮމިއުނިޓީ ރޯދަ ވީއްލުންވެސް ބާއްވައެވެ. އުރީދޫން ބުނީ އާއިލާތަކާ ދުރުގައި ދިރިއުޅޭ މީހުންނަކީ ވެސް މުޖުތަމައުގެ މުހިންމު ބައެއްކަން އެ މީހުންނަށް ހަނދާންކޮށް ދިނުމަކީ މިފަދަ ކަންކަން ހިންގުމުގެ އެންމެ ބޮޑު މަގްސަދު ކަމަށެވެ.