20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މާޗް 30 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 2024 މާރިޗު 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެނަންވާނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.