February 25, 2026
Advertisement
Election
Election / ސޯޝަލް މީޑިއާ

ބޭރުގެ އެއްވެސް ގައުމެއްގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 24, 2026, 04:39 PM
މާލެ ސިޓީ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ރާއްޖޭން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ، ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ގާނޫނީ އަދަދަށް އެއްވެސް ގައުމަކުން މީހުން ރީ-ރަޖިސްޓަރީވެފައި ނުވާތީއެވެ. ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރު، މެލޭޝިޔާގައި ވޯޓުލުމަށް ރަޖިސްޓަރީވީ 499 މީހުންނެވެ. އަދި ސްރީލަންކާގައި ވޯޓުލާން ރަޖިސްޓަރީވެފައިވަނީ 189 މީހުންނެވެ.

މި އިންތިޚާބުތަކަށް ރީ-ރަޖިސްޓްރީވުމަށް މި މަހުގެ 10 އިން 21 އަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 26,454 މީހަކު ވަނީ ރަޖިސްޓަރީވެފައެވެ. މީގެ ތެރޭގައި ރަށްރަށާއި މާލޭގައި ވޯޓުލާން ރަޖިސްޓަރީވި 24,429 މީހުންނާއި، ޖަލުތަކުގައި ވޯޓުލާން ރަޖިސްޓަރީވި 1,326 މީހުން ހިމެނެއެވެ.

ކޮމިޝަނުން ބުނިގޮތުގައި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ހުޅުލެ، ތިލަފުށި އަދި ގދ. ކާޑެއްދޫގައިވެސް އެކަށީގެންވާ ވަރަށް މީހުން ރަޖިސްޓަރީ ނުވާތީ ވޯޓު ފޮށި ނުބަހައްޓާނެއެވެ. އަދި 29 ރިސޯޓެއްގައިވެސް މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ. މީގެ ތެރޭގައި ކައުންސިލްތަކަށް 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުން ހިމެނެއެވެ. މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved