February 21, 2026
Advertisement
Elections Commission
Elections Commission / ސޯޝަލް މީޑިއާ

އިންތިހާބުތައް އެކުލަވާލުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 21, 2026, 05:42 PM
މާލެ ސިޓީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ރީ-ރެޖިސްޓްރީވުމަށް ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

Advertisement

ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެން ހުޅުވާލި މި ފުރުސަތު ހަމަވާނީ މާދަމާ، ފެބްރުއަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މި މުއްދަތުގެ ތެރޭގައި އަލުން ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ.

ރީ-ރަޖިސްޓްރީވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެއެވެ. ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާތީ، މާލޭގައި ވޯޓުލާން ބޭނުންވާ ފަރާތްތަކާއި ދާއިމީ ރަށްވެހިކަން އޮތް ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން މި މުއްދަތުގެ ކުރިން ރީ-ރެޖިސްޓްރީވުމަކީ މުހިންމު ކަމެކެވެ.

މިހާރު ވޯޓުލާން ރަޖިސްޓްރީވެފައިވާ މަރުކަޒުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ކޮންމެ މީހަކަށްވެސް ބަލާލެވޭނެއެވެ.

މި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެ ސުވާލަކީ: "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" މިއެވެ.

މި ވޯޓަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ނިންމުމަކަށް ވާތީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުން ރަޖިސްޓްރީގެ ކަންކަން ސާފުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved