ލުބުނާނުގެ އަވަށަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުالله އިން އިސްރާއީލުގެ އުތުރަށް ދިން ރޮކެޓް ހަމަލާތަކުގައި އެކަކު މަރުވެއްޖެ އެވެ.
ލުބުނާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުން ހައްބަރިއްޔާއަށް ރޭ ދިން ހަމަލާގައި ހަތް މީހަކު މަރުވެފައިވާއިރު، މިއީ ފަހަކަށް އައިސް ހިނގި ހަމަލާތަކުގައި އެންމެ ގިނަ މީހުން މަރުވި އެއް ހަމަލާ އެވެ.
އިސްރާއީލުން ބުނީ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އިސްރާއީލަށް ދިން ހަމަލާތަކުގައި ބައިވެރިވި މީހަކު ހިމެނޭ ކަމަށެވެ.
ހިޒްބުﷲ ޖަމާއަތުން ބުނީ މަރުވި މީހުންނަކީ "ސަލާމަތް ކުރާ މީހުން" ކަމަށެވެ.
އެއަށްފަހު ބުދަ ދުވަހު ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން އިތުރު ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ. އިސްރާއީލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ އިސްރާއީލާއި ހިޒްބުالله އިން ކޮންމެ ދުވަހަކު ބޯޑަރު ހުރަސްކޮށް ހަމަލާ ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހިޒްބުالله އަކީ އީރާނާ ގާތް ގުޅުމެއް އޮންނަ ލުބުނާނުގެ ޝިޔައީ ހަނގުރާމަވެރި ޖަމާއަތެކެވެ.
ބުދަ ދުވަހުގެ ހެނދުނު ހިޒްބުالله އިން ވަނީ އިސްރާއީލުގެ ކިރިޔަތު ޝްމޯނާ އާއި އެތަނުގެ އަސްކަރީ މަރުކަޒަކަށް ދިހަވަރަކަށް ރޮކެޓް ހަމަލާދީފައެވެ.
ހިޒްބުالله އިން ބުނީ ރޮކެޓް ހަމަލާތަކަކީ "ހައްބާރިއްޔާގައި ހިނގި ގަތުލުއާންމުގެ ރައްދު ދިނުމުގެ ގޮތުން" ދިން ހަމަލާތަކެއް ކަމަށެވެ.
ލުބުނާނުގެ އޮފިޝަލުން ވިދާޅުވީ އެރަށަށް ދިން ހަމަލާއެއް ހަމާސްއާ ގުޅުން އޮންނަ ސުންނީ މުސްލިމް ޖަމާއަތެއް ކަމަށްވާ ޖަމާ އިސްލާމިއްޔާގެ އިމަޖެންސީ އަދި ރިލީފް ސެންޓަރަކަށް އެރި ކަމަށެވެ.