ޕޮލެންޑްގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ ޔޫރަޕް އޮތީ "ހަނގުރާމައެއް ފެށުމުގެ މަލަމަތީގެ ދުވަސްތަކުގައި" ކަމަށާއި މުޅި ބައްރުގެ ހެވަށްޓަކައި ޔޫކްރޭން ރަޝިޔާއަތުން ބަލިވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ.
އޭނާ ވިދާޅުވީ ހަނގުރާމައަކީ "މިހާރު މާޒީގެ ކޮންސެޕްޓެއް ނޫން" ކަމަށާއި "އެއީ ހަގީގީ ކަމެއް ކަމަށާއި އެއީ މީގެ ދެ އަހަރަށް ވުރެ ކުރިން ފެށިގެން އައި ކަމެއް" ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ޔޫކްރޭންގެ ހަކަތަ ނިޒާމަށް ރަޝިޔާއިން ބޮޑު ހަމަލާއެއް ދިނުމަށް ފަހު އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން މި ހަފްތާގައި ވިދާޅުވީ ނޭޓޯގެ ގައުމުތަކާ މެދު މޮސްކޯގެ "އުދުވާނީ ނިޔަތެއް ނެތް" ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުކްލިއާ ހަތިޔާރު ހުރި އޭނާގެ ގައުމުން ޕޮލެންޑާއި ބާލްޓިކް ގައުމުތަކާއި ޗެކް ރިޕަބްލިކަށް ހަމަލާދޭނެ ކަމުގެ ޚިޔާލަކީ "ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ނަމަވެސް ޔޫކްރޭނުން އެހެން ގައުމުތަކުގެ އެއާފީލްޑްތަކުން ހުޅަނގުގެ އެފް-16 ހަނގުރާމަ މަތިންދާބޯޓުތައް ބޭނުން ކޮށްފިނަމަ އެއީ "ސައްހަ އަމާޒުތަކެއް، ކޮންމެ ތަނެއްގައި ހުއްޓަސް އެތަނަކަށް ހަމަލާދޭނަން" ކަމަށް ވެސް ޕޫޓިން އިންޒާރު ދެއްވި އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭން ހިފަން ރަޝިޔާއިން ހަނގުރާމައެއް ފެށުމުގެ ސަބަބުން ފިނި ހަނގުރާމައިގެ އެންމެ ގޯސް ދުވަސްތަކަށް ފަހު ހުޅަނގާއި އޮތް ގުޅުން އެންމެ ދަށް ދަށަށް ދިޔަ އެވެ.
އެންމެ ފަހުން ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާގައި ގާތްގަނޑަކަށް 100 މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެއީ ހަފްތާއެއްގެ ތެރޭގައި މި ބާވަތުގެ ދެވަނަ ހަމަލާ، ޔޫކްރޭންގެ ދިފާއީ ބާރުތައް ފުނޑުފުނޑުކޮށްލުމަށް އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްފައިވެއެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ މިއީ "މިސައިލް ޓެރަރިޒަމް" ކަމަށް ވިދާޅުވެ، ހައިޑްރޯ އިލެކްޓްރިކް އިންޖީނުގެތަކަށް ހަމަލާ ދިނުމުން ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.
ޔޫކްރޭނަށް އަވަސް އަސްކަރީ އެހީއެއް ދިނުމަށް އިލްތިމާސް ކުރައްވަމުން ޓާސްކް ވަނީ ހަނގުރާމައިގެ ކުރިއަށް އޮތް ދެ އަހަރު ހުރިހާ ކަމެއް ނިންމާނެ ކަމަށް އިންޒާރު ދެއްވައި، "އަޅުގަނޑުމެން މި އުޅެނީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން އެންމެ މުހިންމު ވަގުތުގައި" ކަމަށް ބުނެފައެވެ.
ޔޫރަޕްގެ ސަލާމަތަށް ވަރުގަދަ ކަންބޮޑުވުން ފާޅުކުރަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ރަޝިޔާއިން ފުރަތަމަ ފަހަރަށް ދުވާލުގެ ވަގުތު ހައިޕަރސޮނިކް މިސައިލްތަކުން ކިއެވްއަށް ހަމަލާދިން ފުރަތަމަ ފަހަރެވެ.
އޭނާ ވިދާޅުވީ މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ދިން ހަމަލާގެ ޒިންމާ ޕޫޓިން ހެއްކެއް ނެތި ޔޫކްރޭންގެ ބޮލުގައި އަޅުވަން އުޅުމުން ރަޝިޔާގެ ރައީސްއަށް "ޔޫކްރޭންގެ މަދަނީ އަމާޒުތަކަށް އިތުރުވަމުންދާ އަނިޔާވެރި ހަމަލާތައް ފަރުޖައްސަން ބަހަނާއެއް ލިބިފައިވާ" ކަމަށެވެ.