ޖަޕާނު ސަރުކާރުގެ ސިއްހީ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ހެލްތު ސަޕްލިމެންޓް އުފައްދާ ފެކްޓްރީއަކަށް ރެއިޑް ޖަހާފައެވެ. މި ފެކްޓަރީން އުފައްދާ ސަޕްލިމެންޓް ބޭނުންކުރުމުގެ ސަބަބުން ފަސް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ ހިމެނޭ ގޮތަށް ޖަޕާނުގެ ޓީވީ ޚަބަރުތަކުން ދެއްކި މި އޮޕަރޭޝަންގައި ކަޅު ސޫޓު ލައިގެން ގާތްގަނޑަކަށް ބާރަވަރަކަށް މީހުން ކޮބަޔާޝީ ފާމަސިއުޓިކަލް ކޯގެ އޮސާކާ ޕްލާންޓަށް ވަނެވެ.
އެ ކުންފުނިން ބުނާ ގޮތުގައި ސަޕްލިމެންޓްގެ ސަބަބުން ކިޑްނީ ފެއިލްވުން ފަދަ ބަލިތައް ދިމާވާ ސީދާ ސަބަބާއި ބެހޭ ގޮތުން އެނގޭ އެއްޗެއް މަދެވެ. މި އުފެއްދުންތަކާ ގުޅޭ ތަހުގީގެއް ސަރުކާރުގެ ސިއްހީ އިދާރާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.
އެ ސަޕްލިމެންޓްތަކުގައި ބޭނުންކޮށްފައިވަނީ "ބެނިކޯޖީ" ކިޔާ ރަތް ކުލައިގެ މޯލްޑެކެވެ. ކޮބަޔާޝީ ފާމަސިއުޓިކަލްސްގެ ބެނިކޯޖީ ޗޮލެސްޓޭ ހެލްޕް ކިޔާ ފިޔާތޮށި ކުލައިގެ ބޭސްގުޅައަކީ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ ބޭހެކެވެ.
ޖަޕާނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އޮސާކާގައި ހުންނަ ކޮބަޔާޝީ ފާމަސިއުޓިކަލް އިން ބުނީ ފާއިތުވި ތިން މާލީ އަހަރު ތެރޭގައި ގާތްގަނޑަކަށް މިލިއަނެއްހާ ޕެކޭޖު ވިއްކާފައިވާ ކަމަށެވެ. އަދި އެހެން އުފެއްދުންތެރިންނަށް ވެސް ބެނިކޯޖީ ވިއްކާފައިވާއިރު، ބައެއް އުފެއްދުންތައް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މި ސަޕްލިމެންޓްތައް ބޭސްފިހާރަތަކުން ޑޮކްޓަރެއްގެ ބޭސް ސިޓީއަކާ ނުލައި ގަނެވޭނެ އެވެ.
ސިއްހީ މައްސަލަތަކުގެ ރިޕޯޓްތައް 2023 ވަނަ އަހަރު ފެންމަތިވި ނަމަވެސް ބެނިކޯޖީ އެކި އުފެއްދުންތަކުގައި ބޭނުން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
އެ ކުންފުނީގެ ރައީސް އަކިހިރޯ ކޮބަޔާޝީ ވަނީ އަވަހަށް ފިޔަވަޅު އަޅާފައިނުވާތީ މައާފަށް އެދިފަ އެވެ.
ހުކުރު ދުވަހު އެ ކުންފުނިން ބުނެފައި ވަނީ ފަސް މީހަކު މަރުވެފައިވާ ކަމަށާއި އެ އުފެއްދުންތައް ކެއުމަށް ފަހު 114 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ. ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ސަޕްލިމެންޓްތަކަކީ މަރުތަކާއި ބަލިތަކުގެ ޒިންމާ އުފުލަންޖެހޭ އެއްޗެހި ކަމަށާއި، ބަލިޖެހިފައިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.