އެމެރިކާގެ އިރުމަތީ އައްސޭރީގައި 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު 4.8 ގެ މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ނިއުޔޯކާއި ފިލަޑެލްފިއާ އަދި ނިއު އިންގްލޭންޑް ހިމެނޭ ގޮތަށް އިރުއުތުރުގެ އެތައް މިލިއަން ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ. ބިންހެލުން އައީ ނިއު ޖާޒީގެ ވައިޓްހައުސް ސްޓޭޝަން ކައިރީގައި، ނިއުޔޯކް ސިޓީގެ ހުޅަނގުން ގާތްގަނޑަކަށް 45 މޭލު އަދި ފިލަޑެލްފިއާގެ އުތުރުން 50 މޭލު ދުރަށެވެ.
މާ ބޮޑު ގެއްލުން ނުލިބުނު ނަމަވެސް ބިންހެލުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމާއި އިންފްރާސްޓްރަކްޗާ އިންސްޕެކްޝަންތަކާއި ސެލްފޯން ނެޓްވޯކް ތޮއްޖެހިގެން ދިޔަ އެވެ.
އިރުމަތީ އައްސޭރިފަށަކީ ޓެކްޓޮނިކް ޕްލޭޓް ބައުންޑަރީއެއްގައި އޮންނަ ތަނެއް ނޫން ކަމުން ބިންހެލުންތައް އައުން މަދު ސަރަހައްދެކެވެ. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު ބިންހެލުން އައިތަނާ ވަށައިގެން 500 ކިލޯމީޓަރު ސަރަހައްދުތަކަށް 1950 ވަނަ އަހަރުން ފެށިގެން 4.5 ނުވަތަ އެއަށްވުރެ ބާރުގަދަ 13 ބިންހެލުން އައިސްފައިވެ އެވެ. އެންމެ ބާރުގަދަ ބިންހެލުމަކީ އޮގަސްޓް 23، 2011 ގައި ވާޖިނިއާގެ މިނަރަލްއަށް އައި 5.8 މެގްނިޓިއުޑްގެ ބިންހެލުމެވެ.
ފުރަތަމަ ބިންހެލުމަށް ފަހު ދިހައަކަށް ވުރެ ގިނަ ބިންހެލުން އައިސްފައިވާއިރު، އޭގެ ތެރޭގައި ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައި 4.0 މެގްނިޓިއުޑްގެ ބިންހެލުން ވެސް ހިމެނެ އެވެ.
ޔޫއެސްޖީއެސް އާއި ލޯކަލް އޮތޯރިޓީތަކުން ވަނީ އިންފްރާސްޓްރަކްޗާ އަށް ގެއްލުން ލިބުނުތޯ ބަލާފަ އެވެ. 4.8 މެގްނިޓިއުޑްގެ ބިންހެލުމަކީ ބިންހެލުން އައި ސަރަހައްދު ކައިރިއަށް ގެއްލުން ލިބުން ފިޔަވައި އެހެން ހިސާބުތަކަށް ގެއްލުން ލިބޭ ވަރުހލގެ ބޮޑު ބިންހެލުމެއް ނޫނެވެ.
ނިއުޔޯކް ސިޓީ އަދި ނިއު ޖާޒީގެ އޮފިޝަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ސަލާމަތަށް ނުވަތަ އިންފްރާސްޓްރަކްޗާއަށް މާބޮޑު މައްސަލައެއް ދިމާވެފައެއް ނުވެއެވެ.
ނިއުޔޯކް ސިޓީގެ އުސް އިމާރާތްތަކަކީ ބާރުގަދަ ތަކެތިން ހަދާފައިވާ ތަންތަން ކަމަށާއި، ވައިރޯޅިތަކާއި އެހެނިހެން އަސަރުތަކަށް ކެތްކުރެވޭ ގޮތަށް މަޑުމަޑުން ތެޅެން ފަރުމާކޮށްފައިވާ ތަންތަން ކަމަށެވެ.
ބިންހެލުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރާފައިވާއިރު، ނިއުޔޯކާއި ނިއުވާކް އަދި ބާލްޓިމޯ އެއާޕޯޓްތަކަށް ދަތުރުކުރާ ފްލައިޓްތައް ގްރައުންޑް ކޮށްފައި ބެހެއްޓިއިރު އޮފިޝަލުން ވަނީ ރަންވޭތަކުގައި ރެނދުތައް ހުރިތޯ
ބަލާފަ އެވެ.