ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ހުރި ހުރުން ނިމުމަކަށް އައިހާ އަވަހަކަށް ޕީޕީއެމް ތެރެއިން ކަންކަން ވެގެން ދިޔަ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ޕީއެންއެފްގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުގައި އެމަނިކުފާނަށް އިޚްލާސްތެރި އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ.
އެހެން ނޫންނަމަ އެމަނިކުފާނުގެ ހައްގުގައި އާންމު މެމްބަރުން ކުރަމުން ދިޔަ އިހުތިޖާޖުތައް ހުއްޓުވަން މަސައްކަތްނުކުރީސް ކަމަށާ އަދި އަމަލީ ގޮތުން އެ މުޒާހަރާތަކުގައި އެ ބޭފުޅުން ބައިވެރިވީސް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ޕީޕީއެމް ޕީއެންސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ގެންދަވާތީ، މިހާރު ޕީޕީއެމްގައި ނޫޅޭ ބަޔަކަށް އެ ޕާޓީގެ ކަންކަން ނޭނގޭނެ ކަމަށް ވިދާޅުވެ ދެމުން ދާ ރައްދުތަކަށް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވަރަށް ރަގަޅަށް އެތާ ތިބި މީހުން ކޮށްފަ ނުކުރާނެ ކަންކަން އެނގިވަޑައި ގަންނަވާ ކަމަށާ ސިޔާސީ ގޮތުން ބަންދުކޮށްފައިވާ ދޫ މިނިވަންވީހާ އަވަހަކަށް އެ ވާހަކަތައް ވަރަށް ރަގަޅަށް ހާމަކޮށްދެއްވާނެ ކަމަށެވެ.
ޕީޕީއެމް ޕީއެންސީގައި އަލުަގޑު މިހާރު ނޫޅޭތީ އަލުަގޑަސް އެ ޕާޓީތަކުގެ ކަންކަން ނޭނގޭނެއޭ ވިދާޅުނުވޭ. އަޅުގަޑަށް ވަރަށް ރަގަޅަށް އެނގޭ ތިތާ ތިއްބެވި ބޭފުޅުންނަކީ ކޮން ބައެއް ކަމާއަދި އެމީހުން ކޮށްފަ ނުކުރާނެ ކަންކަންވެސް. އަނގަ މަތީގައި އަޅާފައި އިން ޓޭޕު ގަނޑު ނައްޓާލިހާ އަވަހަކަށް މި ވާހަކަތައް އަދި އިތުރަށް ދައްކާނަން.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވާ ނުހައްގު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ސިޔާސީ މަސައްކަްތޕުޅު ކުރެއްވުމަށް ހުރަސްތަކެއް ދިމާވެފައެވެ. އެ ހުރަސްތައް ގިރާކުރުމަށް އެމަނިކުފާނު ދެ ލުޔަކަށް މި ސަރުކާރުގައި އެދިވަޑައިގެންފައިވެއެވެ. އެއީ ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ހުއްދައަށާ އަދި ގޭގައި ނޫން ގޮތަށް މީހުންނާ ބައްދަލުކުރެއްވުމުގެ ހުއްދައަށެވެ.
ނަމަވެސް ގާނޫނީ ފުށު އެރުންތަކެއް ހުރި ކަމަށް ބުނެ ސަރުކާރުން އެ ލުއިތައް ދީފައި ނުވަނީ ސަރުކަރު ބޭޒާރުވެދާނެތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މީގެ ކުރިން ހަމަކޮށްފައިވެއެވެ.