މެކްސިކޯއިން އިކުއެޑޯގައި ހުންނަ އެގައުމުގެ އެމްބަސީގެ މުވައްޒަފުން އެނބުރި އައުމުން އާދީއްތަ ދުވަހު މަރުހަބާ ކިޔައިފިއެވެ. މެކްސިކޯއިން ވަނީ އެމާބަސީއަށް އިކުއެޑޯ ފުލުހުންނާ ސިފައިން ވަދެގަތުމުން މީގެ ދެދުވަސް ކުރިން އިކުއެޑޯއާ ޚާރިޖީ ގުޅުން ކަނޑާފައެވެ.
އިކުއެޑޯގެ ފުލުހުންނާއި ސިފައިން ހުކުރު ދުވަހުގެ ރޭ ދަންވަރު ކިޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީއަށް ގަދަކަމުން ވަދެ އެތަނުގައި މަސްތަކެއް ވަންދެން ހިމާޔަތް ހޯއްދަވާފައިވާ ކުރީގެ ނައިބު ރައީސް ޖޯޖް ގްލާސް ހައްޔަރުކޮށްފައި ވަނީ މެކްސިކޯގެ އޮފިޝަލުން އޭނާއަށް ރަސްމީކޮށް އެސައިލަމް ދޭން ނިންމުމުންނެވެ.
އިކުއެޑޯއިން ބުނީ ދެ ފަހަރެއްގެ މަތިން ކުށް ސާބިތުވެފައިވާ ގްލާސްއަށް ހިމާޔަތް ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ކޮރަޕްޝަންގެ އެހެން މައްސަލައެއްގައި ޕްރިވެންޓިވް އެރެސްޓް އަމުރެއް ނެރެފައިވާ އުމުރުން 54 އަހަރުގެ ގްލާސް ޑިސެމްބަރު މަހު ސިޔާސީ ހިމާޔަތް ހޯދި ފަހުން ކިޓޯގައި ހުންނަ އެމްބަސީގައި ތާށިވެފައިވެއެވެ.
މެކްސިކޯގެ މައި އެއާޕޯޓުގައި ފޮރިން މިނިސްޓަރު އެލިޝިއާ ބާސެނާ ވަނީ ޔޫރަޕްގެ 10 ގައުމެއްގެ އިތުރުން އެމެރިކާ އާއި ކެނެޑާގެ އިތުރުން ލެޓިން އެމެރިކާގެ 18 ސަރުކާރަކުން މެކްސިކޯއާ އެކު ދެއްކި އެއްބައިވަންތަކަމަށް ތައުރީފު ކުރައްވާފަ އެވެ.
އެނބުރި މެކްސިކޯއަށް ފުރައިގެން ދިޔަ ގާތްގަނޑަކަށް ދެތިން ޑަޒަން އެމްބަސީގެ މުވައްޒަފުންނަށް މަރުހަބާ ކިޔަމުން ދިޔައިރު، ޑިޕްލޮމެޓް ވަނީ އިކުއެޑޯއިން އެމްބަސީއަށް ކުރާ "ޖިސްމާނީ އަނިޔާ" އަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ރައީސް ޑެނިއަލް ނޮބޯއާގެ ސަރުކާރަށް ބައިނަލްއަގްވާމީ ގޮތުން އިތުރު ފާޑުކިޔުންތަކެއް ހޯދުމަށް ރާވާފައިވާކަން ވެސް އެކަމަނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ހުކުރު ދުވަހު އިނގިރޭސިވިލާތަކީ އިކުއެޑޯއިން އެމްބަސީއަށް ވަދެގަތުން ކުށްވެރިކުރި އެންމެ ފަހުގެ ގައުމު ކަމަށް ފޮރިން އޮފީހުގެ ބަޔާނުގައިވެއެވެ.
ކަނާތުފިޔައިގެ ކުރީގެ ރައީސް ރަފައެލް ކޮރެއާގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ގްލާސް އިކުއެޑޯގެ ފުލުހުން ހައްޔަރުކުރީ މިހާރު ކުރިއަށްދާ ކޮރަޕްޝަންގެ ދައުވާއާ ގުޅިގެންނެވެ.