ރަޝިޔާއިން ބުރާސްފަތި ދުވަހު ދިން މިސައިލް ހަމަލާއެއްގައި ޔޫކްރޭންގެ ކިއެވް ސަރަހައްދުގައި ހުރި އެގައުމުގެ އެންމެ ބޮޑު ކަރަންޓް އުފައްދާ ޕްލާންޓް ހަލާކުކޮށްލައިފިއެވެ.
މިހަމަލާ ދިނީ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ އޭނާގެ ގައުމުން އިތުރު ވައިގެ ދިފާއީ ނިޒާމު ބޭނުންވާ ކަމަށާއި ހުޅަނގުން "ލޯ މަރާލާފައިވާ" ކަމަށް ބުނެފައިވަނިކޮށެވެ.
ޔޫކްރޭންގެ ވައިގެ ސިފައިން ބުނީ އަމާޒުވި މިސައިލްތަކުގެ ތެރެއިން 18 މިސައިލް އަދި ޑްރޯންތަކުގެ ތެރެއިން 39 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. ރަޝިޔާއިން ޖުމްލަ 82 މިސައިލާއި ޑްރޯން ފޮނުވާލާފައިވާއިރު، އޭގެ ތެރޭގައި ހައިޕަރސޮނިކް ކިންޒާލް މިސައިލްގެ ހަ މިސައިލް ހިމެނެއެވެ – އޭގެ ތެރެއިން އެއްވެސް މިސައިލެއް ޔޫކްރޭންގެ ވައިގެ ދިފާޢީ ބާރުތަކަށް ވައްޓާލެވޭ ގޮތެއް ނުވިއެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، މި ހަމަލާގެ ސަބަބުން ޔޫކްރޭންގެ ވެރިރަށް ކިއެވް ނުވަތަ ޓްރިޕިލްސްކާ ޓީޕީޕީން ފޯރުކޮށްދޭ އެހެން ސަރަހައްދުތަކުން ކަރަންޓް ކެނޑިފައެއް ނުވެ އެވެ.
ކިއެވް، ޗެރްކާސީ އަދި ޒައިޓޮމައިރް ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ޓްރިޕިލްސްކާ ތާމަލް ޕަވަރ ޕްލާންޓް (ޓީޕީޕީ) މުޅިން ހަލާކުވެފައިވާ ކަމަށް ހަކަތަ އުފައްދާ ކުންފުނި ސެންޓަރނަރގޯ އިން ބުނެއެވެ. އެ ކުންފުނީގެ ތިން ޕްލާންޓުގެ ކަރަންޓް އުފެއްދުމުގެ %100 ގެއްލިފައިވާއިރު، އެ ހުރިހާ ޕްލާންޓެއް ވެސް ވަނީ ހަލާކުވެ ނުވަތަ ރަޝިޔާއިން ހިފާފައެވެ.
"ސެންޓަނަރގޯގެ ތާރީހުގައި ކަޅު ދުވަހެއް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ. “ލިބުނު ގެއްލުމުގެ މިންވަރަކީ ބިރުވެރި މިންވަރެއް. ފައިސާއަކަށް އަންދާޒާއެއް ނުކުރެވޭނެ. މިއީ ކުންފުނީގެ ތާރީހުގައި އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން.”
ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫކްރޭންގެ ހަކަތަ އިންފްރާސްޓްރަކްޗާއަށް ނިޒާމީ ގޮތެއްގައި އަމާޒުކޮށް، އެގައުމުގެ ޕަވަރ ގްރިޑަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައެވެ.