

ރައީސް އަބްދުﷲ ޔާމީނަށް އެމްޑީޕީ ސަރުކާރުގައި ކުރި ނުހައްގު ހުކުމްގެ އިސްތިއުނާފު ލަސްވާތީ އެމްޑީޕީއިން ޖޭއެސްއީއަށް ދާން ނިންމައިފިއެވެ.
މި މަހު އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީއިން އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.
ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މައްސަލަ ލާނަމޭ
ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މި ވާހަކަތައް ދެއްކެވީ، ރައީސް ޔާމީންގެ މޭސްތިރިކަމުން އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅި މައްސަލައިގައި ސަރުކާރުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.
އަސްލަމް ޖޭއެސްސީއަށް މައްސަލަ ހުށަހަޅަން ނިންމާފައިވާއިރު ރައީސް ޔާމީނަށް ފަޓާސް ބވަރިއެއްހެން ޝަރީއަތްތައް ހިންގާ ފުލުފުލުގައި ހުކުމުތައް ކުރަމުން ދިޔައީ އަސްލަމްވެސް ހިމެނޭ އެމްޑީޕީއިންކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީނުގެ ޝަރީއަތާ ގުޅިގެން މައްސަލަ ބަލާ ހައިކޯޓުން އެންމެ ފަހުން ބުނެފައިވަނީ، ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.
ރައީސް ޔާމީނުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުން ނުފޫޒުގެ ތުހުމަތުތައް އިންކާރުކުރެއެވެ.