
ވ. އާރަށް މައްސަލައިގައި ރައީސް އަބްދުالله ޔާމީނަށް ކުރާ ދައުވާތަކާ ގުޅިގެން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފިއެވެ.
އެ މައްސަލަގައި ރައީސް ޔާމީނަށް ދައުވާކުރަނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވާފައިވާއިރު، އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޮތީ އެ ހުކުމް ބާތިލްކޮށް، އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމާ، އެ މައްސަލަ އަލުން ބަލަން ވެސް އޮތީ އަމުރުކޮށްފައެވެ.
ހައިކޮޓޫގެ ހުކުމް ސުޕްރީމު ކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. ދައުލަތުން ވަނީ، އައު ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައިވާއިރު، އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފުރަތަމަ ދުވަހު އިއްވަން މިހާރު ވަނީ ތާވަލްކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދެވެ.
އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލް ކުރިއިރު، އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް އޮތީ މެދުކަނޑާލައިފައެވެ.










