May 2, 2026
Advertisement
.
. / ސަން އޮންލައިން

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

Yana Shareef
ޔާނާ ޝަރީފް
May 1, 2026, 07:59 PM

ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ ހަ މައްސަލައެއް ބަލައިގަނެވެން ނެތް ކަމަށް ނިންމައި އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

Advertisement

މި މައްސަލަތަކަކީ ގއ. ކޮލަމާފުށި، ހުޅުމާލެ، މާލެ، ރ. މަޑުއްވަތި އަދި އއ. މަތިވެރީގެ ވަކިވަކި ވޯޓު ފޮށިތަކެއްގައި ބާތިލް ވޯޓު ކަނޑައެޅުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރި ކަމަށް ބުނެ، އެ ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތަކެކެވެ. އެމްޑީޕީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައެޅުމާއި، ދެ އިންތިހާބެއްގެ ފޮށި އެކުގައި ގުނުމުގެ ސަބަބުން ނަތީޖާއަށް އޮޅުން އަރާފައިވުމުގެ އިތުރުން، ވޯޓުގެ ފަރަގު ކުޑަވުމުން އަލުން ގުނައިފިނަމަ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮތުން ހިމެނެއެވެ.

ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މި މައްސަލަތައް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމުގައި ބުނެފައިވަނީ، މި މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދީފައިވާ ޖަވާބު ނުވަތަ ނިންމި ނިންމުން ގާނޫނާ ހިލާފުވާ ސީދާ ސަބަބެއް އެމްޑީޕީއަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މިއީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރަޖިސްޓްރާގެ މި ނިންމެވުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް އަދި އޮންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved