
ނިމިދިޔަ ކައުންސިލް އިންތިހާބާ ގުޅިގެން، އިދިކޮޅު ޕާޓީ، އެމްޑީޕީއިން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް ކޯޓުން ބޭރުކޮށްލައިފިއެވެ.
ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާ ބޭރުކޮށްލީ ހައިކޯޓުގެ ރަޖިސްޓްރާއެެވެ.
ބޭރުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، މާލޭގެ ތިން ފޮއްޓަކާއި ގުޅިގެން ހުށަހެޅި ތިން މައްސަލައަކާއި، ރ. މަޑުއްވަރީގެ ވޯޓާ ގުޅޭ މައްސަލައަކާއި ނ. ވެލިދޫގެ ވޯޓާ ގުޅޭ މައްސަލައެކެވެ. މާލޭ ސަރަހައްދުގެ ތިން މައްސަލައިގެ ތެރެއިން ދެ މައްސަލައަކީ ހުޅުމާލޭގެ ދެ ވޯޓު ފޮއްޓަކާ ގުޅޭ ދެ މައްސަލައެކެވެ.
އިންތިޚާބާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާއިރު، އިންތިޚާބީ އިތުރު ފަސް މައްސަލައެއް އަދި ވަކި ގޮތެއް ނުނިމި ވެސް ހައިކޯޓުގައި އެބައޮތެވެ.
މި އިންތިޚާބުން އެމްޑީޕީން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ނަތީޖާތައް ދައްކާ ގޮތުގައި އެމްޑީޕީން 289 ގޮނޑި ކާމިޔާބުކުރިއިރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ލިބުނީ 280 ގޮނޑިއެވެ.
މީގެ އިތުރުން މި ފަހަރުގެ އިންތިހާބާއެކު ނެގި ރެޕރަންޑަމް ވޯޓުގައިވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާ ޖެހިފައެވެ. އެގޮތުން އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ ތެރެއިން 70 އިން ސައްތަ ވަނީ ސަރުކާރަށް ނޫނެކޭ ބުނެފައެވެ.










