
ދުލުން ވެސް ގަލަމުންވެސް އެ ޑޮކިއުމަންޓްރީއެއްގެ ވާހަކަ ނުދެއްކުމަށް އެންގި، "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅުން އޮތް ގެގް އޮޑަރުގެ އިސްތިއުނާފު ފަށަން ތައްޔާރުވެއްޖެއެވެ.
ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި އެ ޑޮކިއުމަންޓްރީ ދެއްކުން މަނާކޮށް އަދި އެއްވެސް ގޮތަކަށް އެކަމާ ގުޅުން ހުރި ވާހަކައެއްވެސް އެއްވެސް މަހަލެއްގައި ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރެުނު އަމުރު، އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
އެ މައްސަލަ ހައި ކޯޓުގައި ކުރިއަށް ގެންދިއުމަށް މިހާރުވަނީ ތާވަލްކޮށްފައެވެ. އެގޮތުން މައްސަލައިގެ ފުރަތަމ އަޑުއެހުން ތާވަލުކުރީ ޖޫން 29، ވާ ހޯމަ ދުވަހުގެ 09:00 އަށެވެ.
މެއި މަހުގެ 10 ވަނަ ދުވަހު ގައި ކުރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި ގެގް އޯޑަރު ރައްދުވަނީ ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދު އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި އެންމެހާ ރައްޔިތުންނަށެވެ. އެ ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލިފައިވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީ ކަމަށް ބުނެއެވެ.
އެ އަމުރު ހައި ކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފު ކުރީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. މައްސަލަ ނިސްބަތްވާ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭތީ ކަމަށް ބުނެ ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ.
އެއާއެކު ފިޔާޒުގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެމްޖޭއޭގެ ފަރާތުން ވަނީ ރެޖިސްޓްރާގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހާ ހަމައަށް މައްސަލަ ފޮނުވާފަ އެވެ.
ކުރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައިވެއެވެ.
އެހެންކަމުން ކުރިމިނަލް ކޯޓުގެއެ އަމުރަކީ މުޅި ކާއިނާތަށް ނިސްބަތްކޮށް ނެރެފައިވާ އަމުރެއްގެ ގޮތުގައި ސިފަކޮށް ގާނޫނި ގިނަ ބޭފުޅުން ގެންދަވަނީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.










