ބްރެޒިލްގެ ފުލުހުން ވަނީ އޭނާގެ ދޮންބައްޕަ ކަމަށް ބުނާ މަރުވެފައިވާ މީހަކު ފުރޮޅުލީ އުޅަނދުގައި ލޯނެއް ނެގުމަށް ބޭންކަކަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ހައްޔަރުކޮށްފަ އެވެ.
އެ ހާދިސާގެ ފޫޓޭޖް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ބްރެޒިލްގެ ސޯޝަލްމީޑިއާތަކުގައި ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ. ފެންނަ ފެނުމުގައި އިޓައު ބޭންކުގެ ރިއޯ ޑި ޖެނީރޯ ބްރާންޗެއްގެ ކައުންޓަރުގައި ހުރި އަންހެންމީހާ ފުރޮޅުލީ ގޮނޑިއެއްގައި އިން އުމުރުން ދުވަސްވީ މީހެއްގެ ބޯ ކޮޅަށް ޖައްސައިގެން ގަލަމެއް ހިފަހައްޓަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ 3،000 ޑޮލަރާ އެއްވަރުގެ ލޯނެއް ނެގުމަށް ކަމަށާއި އެ ލޯނު ކުރިން ބޭންކުން ފާސްކޮށްފައިވީ ނަމަވެސް އަދިވެސް އެ ލޯނު ހޯދަން މުސްކުޅި މީހާގެ ސޮއި ކުރަން ޖެހޭކަމަށެވެ.
އެކަމަކު ވީޑިއޯގައިވާ އުމުރުން ދުވަސްވީ މީހާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާގެ އަތް ފަޅައިގެން ގޮސްފައި ވާއިރު ބޯ ފަހަތަށް ވެއްޓޭ ތަން ފެނެއެވެ.
"ބޮޑުބެ އަޑުއަހަނީތަ؟" އަންހެން މީހާ އޭނާ ގާތު އަހާލައެވެ. "ސޮއިކުރަން ޖެހޭނެ. ސޮއި ނުކޮށްފިއްޔާ އެއްވެސް ގޮތެއް ނެތެވެ. އަހަންނަކަށް ކަލެއަށް ސޮއި ނުކުރެވޭނެ، ކަލެއަށް ވާންޖެހޭނެ. އަހަންނަށް ކުރެވެން އޮތް ކަމެއް އަހަރެން ކުރަން."
އެ ހިސާބުން ބޭންކް އެޓެންޑެންޓުންގެ ތެރެއިން އެކަކު "އަހަރެންނަށް ހީވަނީ އޭނާގެ ހާލު ރަނގަޅެއް ނޫންހެން" އޭ ބުނުމުން ދެވަނަ އެޓެންޑެންޓަކު އެއްބަސްވެއެވެ.
ރިއޯ ޑި ޖެނީރޯ ސިވިލް ޕޮލިސް ޗީފް ފަބިއޯ ލުއިސް ސޫޒާ ވިދާޅުވީ އެއަށްފަހު ބޭންކް އެޓެންޑެންޓުން ނިންމީ އެމްބިއުލާންސަކަށް ގުޅަން ކަމަށެވެ. ޕެރަމެޑިކްސް އައުމުން ނިންމީ އެމީހާ މަރުވެފައި އޮންނަތާ ދެތިން ގަޑިއިރު ވެފައިވާ ކަމަށާއި ބޭންކަށް ދިޔައިރު ވެސް މަރުވެފައި އޮންނާނެ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި އެ އަންހެން މީހާ އާއި މަރުވި މީހާއާ ދެމެދު އޮންނަ ގުޅުން ގާއިމް ކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސީއެންއެންއާ ގުޅުން ހުރި ސީއެންއެން ބްރެޒިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އާއިލާގެ ވަކީލު ފުލުހުން ހުށަހެޅި އެކައުންޓާ ދެކޮޅު ހަދައި، ބުނީ "ހަގީގަތްތައް ހިނގާފައިވަނީ ބުނާ ގޮތަށް ނޫން؛ އެމީހާ ބެންކަށް ދިޔައިރު ދިރިހުރި؛ އަދި އެ އަންހެންމީހާ އަށް ވަނީ ކުއްލި ޝޮކެއް ޖެހިފައި"
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ނަމަވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.