

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް ރޭ ދަންވަރު ދިން ހަމަލާތަކުގައި 14 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން އާދީއްތަ ދުވަހު ބުނެފި އެވެ.
އިސްރާއީލުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވައިގެ ހަމަލާތައް ރަފާއަށް ދޭ އިރު، ޣައްޒާގެ 2.3 މިލިއަންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ އެތާގައި ހިމާޔަތް ހޯދާފައެވެ.
އެމެރިކާ ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލި ނަމަވެސް މިސްރު ބޯޑަރުގައި އޮންނަ ސިޓީއަށް ގްރައުންޑް އޮފެންސިވް ފުޅާކުރުމަށް އިސްރާއީލުން ވަނީ ވައުދުވެފަ އެވެ.
ޣައްޒާއަށް ދޭ އިންސާނީ އެހީގެ ގޮތުގައި ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރު ހިމެނޭ ގޮތަށް 26 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާގެ ތިރިގެއިން ހޮނިހިރު ދުވަހު ވަނީ ފާސްކޮށްފި އެވެ. ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގެ މުގައްރިރު ވާޖިނިއާގެ ޑިމޮކްރެޓިކް ސެނެޓަރު މާކް ވާނާ އާދީއްތަ ދުވަހު "ފޭސް ދަ ނޭޝަން" އަށް ވިދާޅުވީ ސެނެޓުން މި ހަފްތާގައި އެ ގާނޫނު ނަގާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދިވެސް ބޭނުންވަނީ ސެނެޓަރުންގެ ރުހުމާއި ރައީސް ބައިޑަންގެ ސޮއި އެވެ.
ފުރަތަމަ ހަމަލާގައި ފިރިހެނަކާއި އޭނާގެ އަންހެނުންނާއި އެމީހުންގެ 3 އަހަރުގެ ދަރިފުޅު ޝަހީދުވެފައިވާ ކަމަށް އެ ހަށިގަނޑުތައް ގެންދިޔަ ހޮސްޕިޓަލުން ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 27 ހަފްތާ ފުރިފައިވާ މާބަނޑު އަންހެނަކު ހިމެނޭ ކަމަށް ސީބީއެސް ނިއުސްގެ ޓީމުން ބުނެފައިވެ އެވެ. ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ޑޮކްޓަރުން އޭނާގެ ދަރިފުޅު ދިރިހުރެވޭ ވަރުކޮށްފައިވެއެވެ.
ދެވަނަ ހަމަލާގައި 13 ކުޑަކުދިންނާއި ދެ އަންހެނުން ޝަހީދުވެފައިވާއިރު، އެ އެންމެންނަކީ ވެސް އެއް އާއިލާއެއްގެ މީހުން ކަމަށް ހޮސްޕިޓަލުގެ ރެކޯޑްތަކުން ދައްކަ އެވެ. އޭގެ ކުރިން ރޭ ރަފާއަށް ދިން ވައިގެ ހަމަލާއެއްގައި ނުވަ މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ހަ ކުޑަކުދިންވެސް ހިމެނެއެވެ.
ދެ މަހަށް ވުރެ ގިނަ ދުވަހު އިސްރާއީލުން ވަނީ ރަފާއަށް ސިފައިން ފޮނުވާފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާ، ޖަޕާން އަދި އިނގިރޭސިވިލާތް ހިމެނޭ އަދި މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރުން ބައްދަލުކުރި ގްރޫޕް އޮފް 7 ނުވަތަ ޖީ7 އިން އިންޒާރު ދީފައި ވަނީ އެތަނުގައި ފުރިހަމަ އޮޕަރޭޝަނެއް ކުރުމުން މުސީބާތްތަކެއް ކުރިމަތިވާނެ ކަމަށެވެ.