އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން ސަރަހައްދީ ބައިވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު އިއުލާންކޮށްފި އެވެ.
"ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުން ކަށަވަރުކޮށްދޭ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ސެކްރެޓަރީ މަޝްވަރާ ކުރައްވާނެ،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ. “މި ހަމަނުޖެހުން ފެތުރުން ހުއްޓުވުމުގެ މުހިންމުކަމަށް ވެސް ސެކްރެޓަރީ އަލިއަޅުވާލައްވައި، އިސްރާއީލަށް ސަލާމަތީ ޔަގީންކަން ލިބިފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތަކަށް ދިއުމުގެ މަގެއް ހިމެނޭ ގޮތަށް މި ސަރަހައްދުގައި ދެމިއޮންނަ ސުލްހައާއި ރައްކާތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ.”
ގަތަރާއި މިސްރުގެ މެދުވެރިވެގެން މަސްތަކެއް ވަންދެން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މުހިންމު ޑިމާންޑްތަކުގައި ޚިޔާލުތަފާތުވުންތަކާ ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ހަމާސް އާއި އިސްރާއީލުން ވަނީ ނާކާމިޔާބުވެފަ އެވެ.
ގަތަރާއި މިސްރުގައި ކުރިއަށް ގެންދިޔަ އެތައް ބުރެއްގެ މަޝްވަރާތަކުގައި އެންމެ ފަހުން ހުށަހެޅި އޮނިގަނޑުގެ ތެރޭގައި ހަ ހަފްތާގެ ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމުގެ ބަދަލުގައި ހަމާސްއިން ހިފަހައްޓާފައިވާ ބައެއް ރަހީނުން ދޫކޮށްލުން ހިމެނެއެވެ.