ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅޭ ތުހުމަތުގައި ސަރުކާރުގެ އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ އިޒްރޭލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ދައުވާ ފަރުދުންގެ މައްޗަށް އުފުލޭ އައިސީސީން ދަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާ އާއި ހަމާސް ވެރިކަންކުރާ ޣައްޒާއަށް އިސްރާއީލުން ދިން ފަނާކުރަނިވި އަސްކަރީ ހަމަލާ ތަހުގީގު ކުރަމުންނެވެ.
އިސްރާއީލުގެ ސަރުކާރާއި އަސްކަރީ އިސް އޮފިޝަލުން އައިސީސީން ވަރަށް އަވަހަށް ހައްޔަރު ކުރުމުގެ އަމުރު ނެރެފާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓް ކުރައްވައި، ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް އާދީއްތަ ދުވަހު ވަނީ އިސްރާއީލުގެ އެމްބަސީތަކަށް އިންޒާރު ދެއްވާފަ އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އިސްރާއީލުގެ ސިޔާސީ އަދި ސަލާމަތީ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު ނެރުމުން ކޯޓު (އައިސީސީ) އިން ދުރުހެލިވާނެ ކަމަށް،" ކަޓްޒް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޯ ނުލަނބާނަން އަދި ފަސްނުޖެހި ކުރިއަށް އޮތްތަނުގައި ވެސް ހަނގުރާމަ ކުރަމުން ގެންދާނަން."
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުކުރު ދުވަހު ވިދާޅުވީ އައިސީސީގެ އެއްވެސް ނިންމުމަކުން އިސްރާއީލުގެ އަމަލުތަކަށް އަސަރެއް ނުކުރާނެ ކަމަށާއި އެއީ ނުރައްކާތެރި ނަމޫނާއެއް ދައްކާނެ ނިންމުމެއް ކަމަށެވެ.
އިސްރާއީލުގެ އޮފިޝަލުން ކަންބޮޑުވަނީ ޣައްޒާގައި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ނަތަންޔާހޫ އާއި އެހެން އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު ނެރެފާނެތީ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ.
އެމީހުން ބުނީ ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމަށް ވެސް އައިސީސީން ވިސްނަމުންދާ ކަމަށެވެ.
އިސްރާއީލަކީ އެ ކޯޓުގެ މެމްބަރެއް ނޫން، އަދި އެ ކޯޓުގެ އިހްތިސާސް ވެސް ގަބޫލު ނުކުރެއެވެ. ނަމަވެސް ފަލަސްތީނުގެ ސަރަހައްދުތަކަށް މެމްބަރު ގައުމެއްގެ ދަރަޖަ ލިބިފައި ވަނީ 2015 ވަނަ އަހަރު އެވެ.
އޮކްޓޯބަރު މަހު އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ވަނީ އިސްރާއީލުގައި ހަމާސްގެ ހަނގުރާމަވެރިންނާއި ޣައްޒާގައި އިސްރާއީލު ސިފައިން ހިންގި ހަނގުރާމަވެރި ޖަރީމާތަކުގެ އިހްތިސާސް ކޯޓަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ޚާން ވަނީ އޭނާގެ ޓީމުން ޣައްޒާގައި ހިންގާ ޖަރީމާތައް ހީވާގިކަމާއެކު ތަހުގީގު ކުރަމުންދާ ކަމަށާއި ގާނޫނާ ހިލާފުވާ ފަރާތްތައް ޖަވާބުދާރީކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިސްކޮށް ހުރެ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށާއި ޖަމާއަތްތަކަށް ދިން ހަމަލާގައި 1،200 މީހުން މަރާލާފައިވާއިރު، 253 މީހުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުގެ ހިސާބުތަކުން ދައްކަ އެވެ.
އޭގެ ފަހުން އިސްރާއީލުން ވަނީ ބިމާއި ވައިގެ އަދި ކަނޑުގެ ހަމަލާއެއްގައި ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ކެޒުއަލިޓީ ރިޕޯޓްތަކުގައި ހަނގުރާމަވެރިންނާއި ހަނގުރާމަވެރިން ނޫން މީހުން ތަފާތު ނުކުރާ ނަމަވެސް ގިނައިން މަރުވެފައި ވަނީ އާންމުން ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.
އައިސީސީގައި ހިންގާ މައްސަލައަކީ ދަ ހޭގްގައި ވެސް ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލާ ދެކޮޅަށް ފަށާފައިވާ ނަސްލު ނައްތާލުމުގެ މައްސަލައާ ވަކި މައްސަލައެކެވެ.