އެމެރިކާގެ މެދުތެރޭގައި ގިނަ އަދަދެއްގެ ނަގޫރޯޅި އުފެދި ލިބުނު ބޮޑެތި ގެއްލުންތަކުގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހަކު މަރުވެއްޖެ އެވެ.
ހުކުރު ދުވަހު ފެށި ވަކިވަކި ތޫފާންތަކާއި ގުޅިގެން ދިހަހާސް ރައްޔިތުންނަށް ކަރަންޓް ވަނީ ކެނޑިފައެވެ.
މަރުވި މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައި ވަނީ އޮކްލަހޯމާގައެވެ. އެގައުމުގެ ދިހަވަރަކަށް ކައުންޓީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (އެންޑަބްލިއުއެސް) އިން ބުނީ ހޮނިހިރު ދުވަހުގެ ބައެއް ނަގޫރޯޅިތަކުގެ ތެރެއިން ގަޑިއަކު 136 މޭލު (218 ކިލޯމީޓަރު) އަށް ވުރެ ބާރުމިނުގައި ވައިގަދަވެފައިވާކަން އިބްތިދާއީ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ.
ޓެކްސަސް އިން މިސޫރީއާ ހަމައަށް އައި ނަގޫރޯޅިތަކުގައި ވެސް ގަޑިއެއްހާއިރުގެ ތެރޭގައި ބައެއް ތަންތަނަށް ހަތް އިންޗި (18 ސެންޓިމީޓަރު) އާއި ހަމައަށް ވާރޭ ވެހިފައިވާ ކަމަށް އޭއެފްޕީގެ ނޫސް އެޖެންސީން ބުނެ އެވެ.
ވަކިން ހާއްސަކޮށް އޮކްލަހޯމާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސަލްފަރު ޓައުންއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެ ހާދިސާގެ ވީޑިއޯއިން ފެންނަނީ ގެދޮރު ފަޅައިގެން ގޮސް އުޅަނދުތައް ފުރޮޅާލާފައިވާތަނެވެ.
އޮކްލަހޯމާ ސްޓޭޓް ޑިޕާޓްމަންޓް އޮފް ހެލްތުން ބުނާ ގޮތުގައި ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޯލްޑަންވިލާ އާއި މެރިއެޓާ ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އޮކްލަހޯމާ ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރު ޗާލްސް މެކަލް ވަނީ އެ ސަރަހައްދުތައް ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ސްޓޭޓްގެ ގަވަރުނަރު ކެވިން ސްޓިޓް ވެސް އެ ރަށަށް ޒިޔާރަތް ކުރައްވައި ވިދާޅުވީ އެތަނުން ލިބުނު ގެއްލުންތަކަކީ އޭނާގެ ވެރިކަމުގެ ހަ އަހަރުގެ ތެރޭގައި ފެނުނު އެންމެ ބޮޑު ގެއްލުމެއް ކަމަށެވެ.
ވައިޓް ހައުސް އިން ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ސްޓިޓް އާއި ވާހަކަ ދައްކައި ފެޑެރަލް ސަރުކާރުގެ ފުރިހަމަ ތާއީދު ހުށަހަޅާފައެވެ.