ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި އެސްޓްރާޒެނިކާއިން އެއްބަސްވެއްޖެއެވެ.
އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.
ކޮވިޝީލްޑްގައި ނޭދެވޭ އެތައް ސައިޑް އިފެކްޓްތަކުގެ ސަބަބުން ގެއްލުންވި ބައެއް މީހުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.
އިނގިރޭސިވިލާތުގައި 51 މީހަކު ވަނީ ކޮވިޝީލްޑް ޖަހައިގެން ލޭ ގަނޑުވި ކަމަށް ބުނެ އެސްޓްރާޒެނެކާއާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދަން އެދިފައެވެ.
އެގޮތުން 100 މިލިޔަން ޕައުންޑު (ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) ހޯދުމަށް މި މީހުން ވަނީ ދައުވާކޮށްފައެވެ.
މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އެސްޓްރާޒެނިކާގެ ފަރާތުން ބުނީ އެ ވެކްސިނަކީ ރަނގަޅު ވެކްސިނެއް ކަމަށާއި ކޮންމެވެސް ވަރަކަށް ވެކްސިންގެ ސައިޑްއެފެކްޓް ހުންނާނެ ކަމަށެވެ.
ލޭގަނޑުވުމަކީވެސް އޭގެ ސައިޑްއެފެކްޓެއް ކަމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އެއީ ވަރުން މަދުން ބައެއް މީހުންނަށް ދިމާވާ ހާލަތެއް ކަމަށެވެ.