

ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދުމުގައި، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގެ ތަހުގީގު އަނެއްކާ ވެސް ފަށައިފިއެވެ.
ކޮވިޑްގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމަށް އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާގައި އެ ހޮސްޕިޓަލްގެ އޭރުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަަބަންދޭ) އާއި ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަން ކުރެއްވި ޑރ. އަލީ ލަތީފާއި ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލް މުހުސިންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
އެ މައްސަލަ ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވުމަށް ފަހު މިހާރު ތަހުގީގު ހިންގަނީ އެ އެފީހުގެ އިރުޝާދާ އެއް ގޮތަށް ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
މިހާރު ޕީޖީން ދެމުންދާ އިރުޝާދާ އެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ދަނީ. ފުލުހުން ވެސް ބައިވެރިކޮށްގެން
ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ޚިދުމަތްތައް ކޮރަޕްޝަނުގެ ކުށްތައް ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މީގެ ކުރިން ވެސް ބަލައިފައިވެ އެވެ.
އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހާލުދެރަވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލަ ބަލައިފައިވެ އެވެ.
އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ވިއްކަން އެއްބަސްވެފައި ވީނަމަވެސް ފޯރުކޮށްދީފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، އެތަކެތި ގަތުމަށް ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކް ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
އެ މައްސަލައިގައި ސަރުކާރުން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހެޅުމުން ނިންމާފައި ވަނީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް އެ ކުންފުނިން ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން އަދިވެސް ނުހޯދެ އެވެ.
ކުޑަބަންދޭ އާއި ޑރ. އަލީ ލަތީފާއި ޑރ. މިލްޒާގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ޑރ. އަލީ ލަތީފު އަދި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް އިން މަނީލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ފޮނުވި އެވެ.
އެ ކުންފުންޏަށް ކެމިކަލް ސަޕްލައިކުރުމަށް ހަވާލުކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމަށް ކަމަށް އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ކުރިން ބުންޏެވެ.