ތުރުކީން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިސްރާއީލާއެކު ކުރާ ހުރިހާ ވިޔަފާރިއެއް މެދުކަނޑާލާފައެވެ.
ތުރުކީގެ ޓްރޭޑް މިނިސްޓްރީން ބުނީ މި ފިޔަވަޅުތައް އަޅާނީ އިސްރާއީލުން ޣައްޒާއަށް އެހީ "މެދުކެނޑުމެއްނެތި އަދި އެކަށީގެންވާ ވަރަށް ފޯރުކޮށްދިނުމަށް" ހުއްދަ ނުދޭހާ ހިނދަކު ކަމަށެވެ.
ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު ވިޔަފާރީގެ އަގު ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު އަށް އަރާފައިވެ އެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައިބް އުރުދުޣާން "ހުދުމުހުތާރު ވެރިއެއް" ފަދައިން އަމަލު ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އިސްރާއީލް ކަޓްޒް އެކްސްގައި ވިދާޅުވީ އުރުދުޣާން އަކީ "ތުރުކީގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މަސްލަހަތަށް ފަރުވާކުޑަކޮށް، ބައިނަލްއަގްވާމީ ވިޔަފާރީގެ އެއްބަސްވުންތަކަށް އަޅާނުލާ" މީހެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ތުރުކީއާ އެކު ވިޔަފާރި ކުރުމަށް ބަދަލު ގޮތްތައް ހޯދުމަށް ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި، ލޯކަލް ޕްރޮޑަކްޝަނާއި އެހެން ގައުމުތަކުން އިމްޕޯޓް ކުރުމަށް ފޯކަސް ކޮށްފައިވާ ކަމަށެވެ.
ތުރުކީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރި މެދުކަނޑާލުމުގައި "ހުރިހާ އުފެއްދުންތަކެއް" ހިމެނޭ ކަމަށެވެ.
"އިސްރާއީލު ސަރުކާރުން މެދުކެނޑުމެއްނެތި އަދި އެކަށީގެންވާ ވަރަށް އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށް ހުއްދަ ނުދޭހާ ހިނދަކު ތުރުކީން މި އާ ފިޔަވަޅުތައް ހަރުކަށިކަމާއެކު ތަންފީޒުކުރާނެ"
ތުރުކީއަކީ 1949 ވަނަ އަހަރު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ތެރެއިން އިސްރާއީލު ބަލައިގަތް ފުރަތަމަ ގައުމެވެ. އެކަމަކު ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ގުޅުންތައް ވަނީ ގޯސްވެފަ އެވެ.
2010 ވަނަ އަހަރު ތުރުކީން އިސްރާއީލާ އެކު ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ އިސްރާއީލުން ޣައްޒާގެ ކަނޑުގެ ބްލޮކޭޑް ފޫއަޅުވާލަން އުޅުނު ތުރުކީގެ ބޯޓަކަށް އެރި އިސްރާއީލުގެ ކޮމާންޑޯތަކާ ކުރިމަތިލުމެއްގައި ފަލަސްތީނަށް ތާއީދުކުރާ ތުރުކީގެ 10 އެކްޓިވިސްޓުން މަރާލުމުންނެވެ.
2016 ވަނަ އަހަރު ގުޅުން އަލުން ގާއިމްވި ނަމަވެސް ޣައްޒާ އާއި އިސްރާއީލުގެ ބޯޑަރުގައި މުޒާހަރާ ކުރަމުން ދަނިކޮށް އިސްރާއީލުން ފަލަސްތީނު މީހުން މަރާލި މައްސަލައިގައި ދެ އަހަރު ފަހުން ދެ ގައުމުން ވަނީ އެކަކު އަނެކެއްގެ މަތީ ޑިޕްލޮމެޓުން ވަކިކޮށްފަ އެވެ.