. / ރޮއިޓަރސް
ދުނިޔެ
ސިކުންގެ ލީޑަރު މަރާލުމުގެ ތުހުމަތުގައި ކެނެޑާއިން އިންޑިޔާ 3 މީހުން ހައްޔަރުކޮށްފި
Azzama
އައްޒާމާ
04 މޭ 2024

ކެނެޑާގައި ސިކުން ވަކިވެގަތުމަށް މަސައްކަތް ކުރާ ލީޑަރަކު މަރާލި މައްސަލައިގައި އިންޑިއާގެ ތިން ރައްޔިތެއް ހައްޔަރުކޮށް ދައުވާ އުފުލައިފި އެވެ.

ހަރްދީޕް ސިންގް ނިޖާރު، 45، މިދިޔަ ޖޫން މަހު ވެންކޫވަރގެ ސަބާބެއްގެ ބިޒީ ކާރު ޕާކެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަޑިޖަހައި މަރާލާފައިވެއެވެ.

ޑިޕްލޮމެޓިކް މައްސަލަ ބޮޑުވީ މިކަމުގެ ފަހަތުގައި އިންޑިއާ ސަރުކާރު ހިމެނިދާނެ ކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމުންނެވެ.

ދިއްލީން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

ހުކުރު ދުވަހު ހައްޔަރުކުރިކަން އިއުލާން ކުރައްވަމުން ސުޕްރިންޓެންޑެންޓް މަންދީޕް މޫކަރ ވިދާޅުވީ އެ ތިން މީހުންނަކީ ކަރަން ބްރާރ، 22، ކަމަލް ޕްރީތު ސިންގް، 22، އަދި 28 އަހަރުގެ ކަރަން ޕްރީތު ސިންގް ކަމަށެވެ.

އޭނާ ބުނީ އެ ތިން މީހުން ވެސް ދިރިއުޅެމުން އައީ އަލްބަރޓާގެ އެޑްމަންޓަންގައި ކަމަށާއި އެތަނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ ކަމަށް ކޯޓުގެ ރެކޯޑްތަކުން ދެއްކުމުގެ އިތުރުން މީހަކު މަރާލަން ރޭވުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

އެ އެންމެން ވެސް ކެނެޑާގައި ތިބިތާ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި އޭގެ ތެރޭގައި "އިންޑިއާ ސަރުކާރާ ގުޅުން ހުރި" މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ.

"މި ކަންކަމުގައި ވަކިވަކިން ތަހުގީގުތައް ކުރިއަށް އެބަދޭ. ހަމަ ޔަގީނުންވެސް މިއަދު ހައްޔަރުކުރި މީހުންގެ އެކަންޏެއް ނޫން،" އެސިސްޓެންޓް ކޮމިޝަނަރު ޑޭވިޑް ޓެބޯލް ވިދާޅުވިއެވެ.

އިންވެސްޓިގޭޓަރުން އިންޑިއާގެ ތަހުގީގުކުރާ ފަރާތްތަކާއެކު މަސައްކަތް ކުރަމުން އައި ނަމަވެސް އެ އެއްބާރުލުން ދިނުމަކީ "ތަންކޮޅެއް އުނދަގޫ އަދި ތަންކޮޅެއް ގޮންޖެހުން ބޮޑު" ކަމެއް ކަމަށް އެމީހުން ބުނެއެވެ.

ފުލުހުން ބުނީ މަރުގެ މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވެދާނެ ކަމަށާއި، އަދި އިތުރު މީހަކު ހައްޔަރު ނުވަތަ ދައުވާ ވެސް ކުރެވިދާނެ ކަމަށެވެ.

ނިޖާރަކީ ޚާލިސްތާނަށް - އިންޑިއާގެ ޕަންޖާބު ސަރަހައްދުގައި މިނިވަން ސިކުންގެ ވަޒަނެއް އުފެއްދުމަށް ކެމްޕޭން ކުރެއްވި ސިކުންގެ ލީޑަރެކެވެ.

1970 ގެ އަހަރުތަކުގައި ސިކުން އިންޑިއާގައި ވަކިވެގަތުމުގެ އަމަލީ ހަރަކާތްތައް ފެށިއިރު، އޭގެ ފަހުން އައި ދިހަ އަހަރު އެކަން ހުއްޓުވުމުގެ ކުރިން އެތައް ހާސް ބަޔަކު މަރުވި އެވެ. އޭގެ ފަހުން މި ހަރަކާތް ގިނައިން ހަނިވެފައި ވަނީ ސިކުންގެ އާބާދީ ބޮޑު ގައުމުތަކަށެވެ.

އިންޑިއާއިން މީގެ ކުރިން ސިފަކޮށްފައި ވަނީ ނިޖާރަކީ ހަނގުރާމަވެރި ވަކިވެގަތުމުގެ ޖަމާއަތެއް އިސްކޮށް އުޅުނު ޓެރަރިސްޓެއްގެ ގޮތުގައެވެ. އޭނާގެ ސަޕޯޓަރުން ބުނާ ގޮތުގައި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އެމީހުން ބުނާ ގޮތުގައި މީގެ ކުރިން ވެސް އޭނާއަށް އިންޒާރުތަކެއް ލިބިފައި ވަނީ އޭނާގެ އެކްޓިވިޒަމްގެ ސަބަބުންނެވެ.

އޭނާ ބަޑިޖަހައި މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ވެންކޫވަރގެ އިރުމަތިން ގާތްގަނޑަކަށް 30 ކިލޯމީޓަރު (18 މޭލު) ދުރުގައި އޮންނަ ސަރީގެ ގުރޫ ނާނަކް ސިކް ގުރްދުވާރާގަ އެވެ.

އޭނާއާ ގާތް މީހުން ބުނެފައި ވަނީ އޭނާ މަރުވުމުގެ ކުރިން ކެނެޑާގެ ޖާސޫސީ އިދާރާތަކުން އޭނާ "ހިޓް ލިސްޓެއްގައި" ހިމެނޭ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާތަކެއް ހުރި ކަމަށެވެ.

ބްރިޓިޝް ކޮލަމްބިއާ ގުރްދުވާރާސް ކައުންސިލްގެ މެމްބަރު މޮނިންޑަރ ސިންގް ބީބީސީ ނިއުސްއަށް ވިދާޅުވީ ތަހުގީގުގައި ކުރިއެރުންތައް ފެނުމުން ސިކުންގެ މުޖުތަމައު ޝުކުރުވެރިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ އަދިވެސް "އާންމުންގެ ސަލާމަތަށް ކަންބޮޑުވުންތަކެއް" ހުރި ކަމަށާއި "ވަރަށް ބޮޑު ޓެންޝަންތަކެއް އެބަހުރި. މާޔޫސްކަން އެބައޮތް. އަދި އުންމީދެއް ވެސް އެބައޮތް" ކަމަށެވެ.

އޭނާ މަރާލިތާ ތިން މަސް ފަހުން ހައުސް އޮފް ކޮމަންސްގައި ހުންނަވައިގެން ޓްރޫޑޯ ވިދާޅުވީ ކެނެޑާއިން ބަލަނީ އިންޑިއާގެ ދައުލަތާއި މަރާލުމާ ގުޅުވައިދޭ "ގަބޫލުކުރެވޭ ހެކިތަކެއް" ހުރި ކަމަށެވެ.

އެ ތުހުމަތު އިންޑިއާގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ދޮގުކޮށް، ކެނެޑާއިން ވަނީ "ޚާލިސްތާނީ ޓެރަރިސްޓުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް" ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައެވެ.

ދެގައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ދިއްލީން ވަނީ އޮޓާވާއަށް އިންޑިއާގައި ތިބި މަންދޫބުންގެ އަދަދު މަދުކުރުމަށް އެދިފައެވެ.

ޓްރޫޑޯއަށް ވަނީ ދިއްލީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ ހެކި ހުށަހެޅުމަށް ވެސް ޕްރެޝަރު ކުރިމަތިވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved