އެމެރިކާގެ ޗިޕް އުފައްދާ ކުންފުނިތަކަށް ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭއަށް ވަކި މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ބައެއް ލައިސަންސްތައް ބާތިލްކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.
ޑިޕާޓްމަންޓް އޮފް ކޮމާސް އިން ކެންސަލް ކުރި ހުއްދަތަކަކީ ކޮބައިކަން ހާމަކޮށްފައި ނުވި ނަމަވެސް މި ފިޔަވަޅު އެޅީ އިންޓެލް އިން އުފައްދާފައިވާ ޗިޕަކުން އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ކޮމްޕިއުޓަރެއް ވާވޭ އިން ނެރުމާ ގުޅިގެންނެވެ.
2019 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ވަނީ ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކަމަށް ބުނެ، ވާވޭއަށް ކޮމްޕިއުޓަރ ޗިޕް ފަދަ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުން ހަނިކޮށްފައެވެ.
"ވާވޭއަށް އެކްސްޕޯޓް ކުރުމުގެ ވަކި ލައިސަންސްތަކެއް އަޅުގަނޑުމެން ބާތިލްކޮށްފިން،" ކޮމާސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވީ ނަމަވެސް އަނބުރާ ގެންދިޔަ ހުއްދަތަކުގެ ތަފްސީލެއް ނުދެއެވެ.
މިދިޔަ މަހު ވާވޭގެ މެޓްބުކް އެކްސް ޕްރޯ ލެޕްޓޮޕް ތައާރަފްކުރުމާ ގުޅިގެން އެމެރިކާގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ރައީސް ޖޯ ބައިޑަންގެ ވެރިކަމަށް ފާޑުކިޔާފައެވެ.
"ގޯހެއް ނުހަދާ، ކޮންގްރެސްގައި ތިބި ރިޕަބްލިކަން ޕާޓީން ޖަވާބުދާރީ ނުކުރިނަމަ ބައިޑަން އެޑްމިނިސްޓްރޭޝަނުން މި ފިޔަވަޅު ނާޅާނެ،" ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރު އެލިސް ސްޓެފަނިކް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އެމެރިކާގެ ވިޔަފާރީގެ ހުރަސްތަކުގެ ސަބަބުން ވާވޭއަށް ވަރަށް ބޮޑަށް އަސަރުކުރި ނަމަވެސް ދާދި ފަހުން ފެނުނީ އެނބުރި އައުން ކަމަށް ވެސް ބުންޏެވެ.
2019 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގައި އެމެރިކާގެ އޮފިޝަލުން ވަނީ "އެންޓިޓީ ލިސްޓެއް" ކަމަށް ބުނާ ލިސްޓަކަށް ވާވޭ އިތުރުކޮށްފަ އެވެ.
މާނައަކީ އެމެރިކާގެ ކުންފުނިތަކުން ބައެއް ޓެކްނޮލޮޖީތައް އެކްސްޕޯޓް ނުވަތަ ޓްރާންސްފާ ކުރުމަށް ސަރުކާރުން ލައިސަންސް ހޯދަން ޖެހުމެވެ.
ނަމަވެސް އެ މުއްދަތުގައި އިންޓެލް އާއި ކުއަލްކޮމް ފަދަ އެމެރިކާގެ ބައެއް ކުންފުނިތަކަށް ވާވޭއަށް 5ޖީއާ ގުޅުން ނެތް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ލައިސަންސް ވަނީ ދީފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި އޮތް ފިތުނަތައް އިތުރަށް ގަދަވެ، ފާއިތުވި އަހަރުތަކުގައި ޗައިނާގެ ބައެއް ޓެކްނޮލޮޖީ ކުންފުނިތަކަށް އެމެރިކާއިން ވަނީ ހުރަސްތަކެއް އަޅާފަ އެވެ.