ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ މިހާރު ހުރީ ފުރާނައަށް ނުރައްކާވާ ހާލަތެއްގައި ނޫން ކަމަށް ބޮޑުވަޒީރުގެ ނައިބު ވިދާޅުވެއްޖެއެވެ.
ޓޮމާސް ތަރާބާ ބީބީސީއަށް ބުނީ ފީކޯގެ ސާޖަރީ "ރަނގަޅަށް" ގޮސްފައިވާ ކަމަށާއި "އަހަރެން ލަފާކުރާ ގޮތުގައި ނިމުމުގައި އޭނާ ސަލާމަތްވާނެ" ކަމަށެވެ.
މީގެ ކުރިން ޑިފެންސް މިނިސްޓަރު ވިދާޅުވީ ކުޑަ ރަށެއް ކަމަށްވާ ހަންޑްލޯވާގައި ދިން ހަމަލާގައި ބޮޑެތި އަނިޔާތަކެއް ލިބުމުން ފީކޯ "ފުރާނަ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވާ" ކަމަށެވެ.
ބަޑިޖެހި ތަނުގައި ތުހުމަތު ކުރެވޭ މީހަކު ވަނީ ބަންދުކޮށްފަ އެވެ.
އިންޓީރިއާ މިނިސްޓަރު މަޓޫސް ސުތާޖް އެސްޓޯކާ ސިފަކުރެއްވީ އެއީ ސިޔާސީ ގޮތުން އަވަހާރަކޮށްލަން ކުރި ކަމެއްގެ ގޮތުގަ އެވެ.
ބަޑިޖެހުމަށް ފަހު ފީކޯ ހޮސްޕިޓަލަށް ގެންގޮސް ސާޖަރީގައި އެތައް ގަޑިއިރެއް ހޭދަކުރީ "ފުރާނައަށްޓަކައި ހަނގުރާމަ ކުރަމުން" ކަމަށް ޑިފެންސް މިނިސްޓަރު ރޮބަޓް ކަލިނަކް ވިދާޅުވި އެވެ.
އޭގެ ފަހުން ބޮޑުވަޒީރުގެ ހާލަތާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އަޕްޑޭޓެއް ލިބިފައި ނުވި ނަމަވެސް އޭގެ ފަހުން އޭނާގެ ދެވަނަ ކޮމާންޑު ބީބީސީގެ ޕްރޮގްރާމްގައި ވިދާޅުވެފައި ވަނީ ފީކޯ އޮތީ "މިވަގުތު [ފުރާނައަށް ނުރައްކާވާ] ހާލަތެއްގައި ނޫން" ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ގޮތުގައި އޮޕަރޭޝަން ދިޔައީ ރަނގަޅަށް އަދި އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ނިމުމުގައި އޭނާ ސަލާމަތްވާނެ،" ތަރާބާ ވިދާޅުވި އެވެ.
ތަރާބާ އިތުރަށް ވިދާޅުވީ ބޮޑުވަޒީރަށް ބަޑިޖަހާފައިވަނީ "ވަރަށް ކައިރިން" ކަމަށާއި "އެއް ވަޒަން ބަނޑުން ވަދެ ދެވަނަ ވަޒަން ޖެހުނީ ހުޅުގައި" ކަމަށެވެ.
ތުހުމަތު ކުރެވޭ މީހާ އަކީ ކާކުކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ކަށަވަރު ނުވާ ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަކީ އުމުރުން 71 އަހަރުގެ ލިޔުންތެރިއެއް އަދި ސިޔާސީ ހަރަކާތްތެރިއެކެވެ.
ސްލޮވާކިއާގެ މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ޝައްކު ކުރެވޭ މީހާ ފެންނަ ކަމަށް ބުނެފައިވެއެވެ.
އެ ފޫޓޭޖުގައި އެމީހާ ބުނަނީ ސަރުކާރުގެ ސިޔާސަތާއި ދައުލަތުގެ މީޑިއާއާ މެދު ސަރުކާރުން ދެކޭގޮތާ އެއްބަދް ނުވާ ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހަކީ އެ ހާދިސާ ހިނގި ތަނުގައި ބަންދުކޮށްފައި ހުރި ކުށްވެރިޔާ ކަމެއް ސާފެއް ނުވެއެވެ.
މި ބަޑިޖެހުން ހިނގާފައިވަނީ ސްލޮވާކިއާގެ ޕަބްލިކް ބްރޯޑްކާސްޓަރ އާރްޓީވީއެސް އުވާލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން މަޖިލީހުން މަޝްވަރާކުރަން ފެށި ދުވަހުއެވެ.
ފާއިތުވި ހަފްތާތަކުގައި ޕަބްލިކް ބްރޯޑްކާސްޓާ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ގޮތާ ދެކޮޅަށް ސްލޮވާކިއާގެ އެތައް ހާސް ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. ނަމަވެސް ބަޑިޖެހުމުގެ ޚަބަރު ފެތުރިގެން ދިއުމާއެކު އިދިކޮޅުން އިސްވެ އޮވެ ރާވާފައިވާ މުޒާހަރާއެއް ބުދަ ދުވަހު ވަނީ ހުއްޓާލާފައެވެ.