ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާރކިވް އަތުލުމަށް ރަޝިޔާއިން މިވަގުތު މަސައްކަތް ނުކުރާ ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
"މިއަދު އެފަދަ އެއްވެސް ޕްލޭނެއް ނެތް،" ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވިދާޅުވިއެވެ.
އެކަމަކު އޭނާ ފާހަގަކުރެއްވި ގޮތުގައި ރަޝިޔާގެ ބާރުތައް އިރުއުތުރު ޚާކިވް ސަރަހައްދުގައި ކުރިއަށް ދަނީ ރަޝިޔާގެ ބޯޑަރު ސަރަހައްދަށް "ސެކިއުރިޓީ ޒޯނެއް" އުފެއްދުމަށެވެ.
މިފަދަ ޒޯނެއްގެ ވާހަކަ މީގެ ކުރިން ޕޫޓިން ދެއްކެވި ނަމަވެސް އޭނާގެ އާންމު ކޮމެންޓްތަކުން އަބަދުވެސް ޔޫކްރޭންގައި އޭނާގެ އަމާޒުތައް ހާމަވެފައެއް ނުވެއެވެ.
ޔޫކްރޭނުން ބުނަނީ ފްރަންޓް ލައިން ހަމައަކަށް އެޅިފައިވާ ކަމަށާއި ރަޝިޔާއިން ބޯޑަރުގެ ގިނަ އަވަށްތައް ހިފާފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ރަޝިޔާއިން މިދިޔަ ހަފްތާގައި އެ ސަރަހައްދުގައި ހަމަލާ ފެށިއިރު، ރަޝިޔާގެ ބޯޑަރު ކައިރީގައި އޮންނަ މުހިއްމު ރަށެއް ކަމަށްވާ ވޮވްޗަންސްކްގައި ފާއިތުވި ދުވަސްތަކުގައި މަގުމަތީގައި ވަރުގަދަ ހަނގުރާމަތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުކުރު ދުވަހު ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިންނަށް ކުރިއަށް ދެވުނީ ހަމައެކަނި ޔޫކްރޭންގެ ތިން ޑިފެންސިވް ލައިންގެ ތެރެއިން ފުރަތަމަ ލައިނުން އެކަނި ކަމަށެވެ.
ޔޫކްރޭންގެ އެންމެ އިސް ކޮމާންޑަރު އޮލެކްސަންޑް ސިރްސްކީ ވިދާޅުވީ "ދުޝްމަނުން ވަނީ އެ ސަރަހައްދުގައި އެކްޓިވް ކޮމްބަޓް ޒޯން ގާތްގަނޑަކަށް 70 ކިލޯމީޓަރު (43 މޭލު) އަށް ފުޅާކޮށްފައި" ކަމަށެވެ.
އެއް ރެއެއްގެ ތެރޭގައި ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް 1.4 މިލިއަން މީހުންގެ އާބާދީއެއް އޮތް ޚާކިވް އަށް އަނެއްކާވެސް ރަޝިޔާގެ ޑްރޯން ހަމަލާތަކާއި ބޮން އަޅާލި ކަމަށް ލޯކަލް އޮފިޝަލުން ބުނެއެވެ. ޓެކްނޮލޮޖީ އަދި ސިނާއީ މަރުކަޒު އޮންނަނީ ރަޝިޔާގެ ބޯޑަރާއި ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގަ އެވެ.
ރަޝިޔާއިން އަވަށްޓެރި ގައުމަށް ފުރިހަމައަށް އަރައިގަތުމަށް މިހާރު ތިންވަނަ އަހަރަށް ދާއިރު، މިވަގުތު ހަނގުރާމަ - ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕްގައި ހިނގި އެންމެ ބޮޑު ލޭއޮހޮރުވުން - އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.