ވެއްޓުނު ހެލިކޮޕްޓަރު / އޭޕީ
ދުނިޔެ
ރައީސީ އަވަހާރަވުމުން ވަގުތީ ރައީސަކަށް ނައިބު ރައީސް ހަމަޖައްސައިފި
Azzama
އައްޒާމާ
20 މޭ 2024

އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި އެގައުމުގެ ފޮރިން މިނިސްޓަރު އަވަހާރަވެފައި އޮއްވާ ފެނުނީ ހޯމަ ދުވަހު އެބޭފުޅުން ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ދުންފިނީގައި ވެއްޓުނު ހާދިސާގައެވެ.

އީރާނުގައި އެންމެ ފަހުގެ ބަސް ބުނަމުން އަންނަ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އަވަހަށް ވަގުތީ ރައީސަކަށް މަދު ބަޔަކަށް އެނގޭ ނައިބު ރައީސް ނަންގަވައި، ސަރުކާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި މަރުތަކަކީ ޕްރެޝަރުތައް ކުރިމަތިވެފައިވާ ގައުމަކަށް ލިބުނު އިތުރު ގެއްލުމެކެވެ.

ބޯ ދުންފިނީގެ ފުސްކަމުގެ ތެރޭގައި ކުއްލިއަކަށް ފަރުބަދަމައްޗަށް ވެއްޓުނު ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް ވެސް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި ވިޔަފާރިތައް ހުޅުވާލައި، ކުޑަކުދިން ސްކޫލަށް ދިޔައީ ހޯމަ ދުވަހު އެވެ.  ނަމަވެސް ޔުނީފޯމްގައި ތިބި އަދި އާދައިގެ ހެދުމުގައި ތިބި ސަލާމަތީ ބާރުތައް އިތުރަށް ޑައުންޓައުންގައި ތިބިކަން ފާހަގަ ކުރެވެ އެވެ.

މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިސްރާއީލާއި ހަމާސް ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ހޫނުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކުރިން ގައުމުގެ ޝަރުއީ ދާއިރާގައި އިސްކޮށް އުޅުއްވި ރައީސީ މަޝްހޫރުވެފައިވަނީ ޚާމަނާއީގެ ރައްކާތެރިއެއްގެ ގޮތުގަ އެވެ. އޭނާގެ ވެރިކަމުގައި ހުޅަނގާއި ގުޅުން ވެސް ގޯސްވަމުން އަންނަނީ އީރާނުން ހަތިޔާރު ގްރޭޑްގެ މިންވަރާ ކުރިއަށް ވުރެ ގާތުން ޔޫރޭނިއަމް މުއްސަނދިކޮށް، ޔޫކްރޭންގައި ކުރި ހަނގުރާމައަށް ބޮން އުފުލާ ޑްރޯންތައް ރަޝިޔާއަށް ފޯރުކޮށްދިނުމުންނެވެ.

އޭނާގެ ސަރުކާރަށް ވެސް ވަނީ ބަލިވެފައިވާ އިގްތިސާދާއި އަންހެނުންގެ ހައްގުތަކާ ގުޅިގެން އަހަރުތަކެއް ވަންދެން ގިނަ ބަޔަކު މުޒާހަރާތަކެއް ކޮށްފައެވެ.

ދައުލަތުގެ ނޫސް އެޖެންސީ އައިއާރުއެންއޭ އިން ރިޕޯޓްކޮށްފައިވާ އީރާނުން 2000 ގެ ކުރީކޮޅު ގަތް ބެލް ހެލިކޮޕްޓަރެއްގައި ތިބި އަށް މީހުން ވެސް މަރުވެފައިވާކަމަށެވެ.  މަރުވި މީހުންގެ ތެރޭގައި އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމިރަބްދުالله އާއި އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރާއި ތަބްރީޒުގެ އިސް ދީނީ އިލްމުވެރިއަކާއި ރިވޮލިއުޝަނަރީ ގާޑްގެ އޮފިޝަލަކާއި ތިން ފަޅުވެރިން ހިމެނޭ ކަމަށް އައިއާރުއެންއޭ އިން ބުނެއެވެ.

ޝާހުގެ ޒަމާނުން ފެށިގެން އީރާނުން ވަނީ ބެލް ހެލިކޮޕްޓަރުތައް ފުޅާދާއިރާއެއްގައި ދުއްވާފައެވެ.  އެކަމަކު އީރާނުގައި މަތިންދާބޯޓުތަކުގެ ބައިތަކުގެ ދަތިކަން ކުރިމަތިވެފައިވަނީ ބައެއް ގޮތްގޮތުން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި ގިނަ ފަހަރަށް އުދުހެނީ ސޭފްޓީ ޗެކްތަކެއް ނެތި އެވެ. އެ ހާލަތުގައި އީރާނުގެ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ހޯމަ ދުވަހު ދިން އިންޓަވިއުއެއްގައި ބޯޓު ވެއްޓުމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުވަން މަސައްކަތް ކުރައްވާފައެވެ.

"އިއްޔެގެ ހިތާމައިގެ މައިގަނޑު އެއް ކުށްވެރިއަކީ އެމެރިކާ، އެމެރިކާއިން ... އީރާނަށް މަތިންދާބޯޓާއި އޭވިއޭޝަންގެ ބައިތައް ވިއްކުން މަނާކޮށް، އީރާނުގެ ރައްޔިތުންނަށް ރަނގަޅު އޭވިއޭޝަން ފެސިލިޓީތަކެއް ލިބުމުގެ ފުރުސަތު ނުދޭ،" ޒަރީފް ވިދާޅުވި އެވެ. “މިކަންކަން ރެކޯޑް ކުރެވޭނީ އެމެރިކާއިން އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ލިސްޓުގައި.”

އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގައި ހިނގި މި ހެލިކޮޕްޓަރު ވެއްޓުމުގެ ވަގުތީ ސަބަބެއް ސްޓޭޓް ޓީވީން ނުބުނެ އެވެ. ހޯމަ ދުވަހުގެ ވަގުތެއްގައި އީއާރްއެންއޭ އިން އާންމުކުރި ފޫޓޭޖުތަކުން އެ އިދާރާއިން ސިފަކުރި ގޮތުގައި ބޯޓު ވެއްޓުނު ސަރަހައްދަކީ ފެހި ފަރުބަދަ ރޭންޖެއްގެ އުސް ވާދީއެއް ހުރަސްކޮށް އޮތް ތަނެކެވެ.

ރައީސީގެ މަރާއި ގުޅިގެން އެމެރިކާއިން އަދި އާންމުކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނުގެ ނިއުކްލިއާ ނެގޯޝިއޭޓަރެއް ކަމަށްވާ އަލީ ބަޣްރީ ކާނީ އެގައުމުގެ އެކްޓިން ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވާނެ ކަމަށް ދައުލަތުގެ ޓީވީން ބުނެފައިވެއެވެ.

އެ ހާދިސާގައި ސަލާމަތްވި މީހަކު ނެތްކަން އީރާނުން ކަށަވަރުކޮށްދިނުމުން އަވަށްޓެރިންނާއި އެކުވެރިންގެ ފަރާތުން ތައުޒިޔާގެ އަޑުތައް އުފުލިގެން ދިޔަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ގައުމު "ހިތާމަގެ މި ވަގުތުގައި އީރާނާ އެކު ކޮޅަށް ހުރި" ކަމަށެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން، ކްރެމްލިން އިން ނެރުނު ބަޔާނެއްގައި، ރައިސީ ސިފަކުރެއްވީ “ރަޝިޔާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައެވެ.”

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އާއި ޗައިނާގެ ޝީ ޖިންޕިން އަދި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވިދާޅުވީ އޭނާ އާއި އޭނާގެ ސަރުކާރަށް “ފުން ސިހުމެއް” ލިބިފައިވާ ކަމަށެވެ. އުމުރުން 63 އަހަރުގެ ރައިސީ އާދީއްތަ ދުވަހު އެނބުރި ދިޔައީ އީރާނާއި އަޒަރުބައިޖާނުގެ ބޯޑަރުން ކަމަށާއި ހާދިސާ ހިނގީ އެމަނިކުފާނު އަލިޔޭވްއާ އެކު ޑޭމެއް އިފްތިތާހުކޮށްފަ އެނބުރި ދިޔަ ދަތުރުގައެވެ.

މި މަރުގެ ސަބަބުން އީރާނުގެ ރައްޔިތުން ވެސް ހައިރާންވެފައިވާއިރު ޚާމަނާއީ ވަނީ ފަސް ދުވަހުގެ އާންމު ހިތާމައިގެ ދުވަހެއް އިއުލާނުކުރައްވާފައެވެ. ނަމަވެސް އެ ގައުމުގެ ކަރަންސީ ދަށްވުމާއި، ސަރަހައްދީ ހަމަނުޖެހުންތައް އިޒްރޭލާ އިދިކޮޅަށް ނުވަތަ ޕާކިސްތާނާ އެކު ވެސް ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ޚާމަނާއީ ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް އީރާނުގެ ސަރުކާރުގެ ކުރިއަށް ދާނެ ކަމަށާއި ނަމަވެސް ރައީސީގެ އަވަހާރަވުމުން، އުމުރުން 85 އަހަރުގެ އެންމެ މަތީ ލީޑަރު އިސްތިއުފާ ދެއްވުމުން ނުވަތަ އަވަހާރަވުމާ ގުޅިގެން ވާނެ ގޮތުގެ ބިރު ބޮޑުވެފައިވެއެވެ.

އެ ރޯލަށް ވާދަކުރެވޭނެ އެއް ބޭފުޅެއްގެ ގޮތުގައި ރައިސީގެ ނަން ކުރިން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. މިހާތަނަށް ހުށަހެޅިފައިވާ ހަމައެކަނި އިތުރު މީހަކީ ޚާމަނާއީގެ 55 އަހަރުގެ ދަރިކަލުން މުޖްތަބާ އެވެ. ނަމަވެސް ޚާއްސަކޮށް އިންގިލާބުން ޝާހުގެ ވިރާސީ ޕައްލާވީ ރަސްކަން ވައްޓާލި ފަހުން އާއިލީ މެމްބަރަކަށް އެ މަގާމު ދިއުމާ މެދު ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިވަގުތު ޚާމަނާއީ ވަނީ 50 ދުވަހުގެ ތެރޭގައި އާ ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ބުނާ ގާނޫނު އަސާސީއާ އެއްގޮތަށް، ކެއާޓޭކަރަކަށް ފުރަތަމަ ނައިބު ރައީސް މުހައްމަދު މޮޚްބަރު ނަންގަވައިފައެވެ.

ރައީސީ ނެތުމުން އޮފިޝަލުންނާއި ބޭރުގެ ސަރުކާރުތަކުން މޮޚްބަރަށް މިހާރު ވެސް ކޯލްތައް އަންނަން ފަށާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އީރާނުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި ވަނީ ދައުލަތުގެ މީޑިއާތަކުން އެކަން އިއުލާން ކުރުމާއެކު ހޯމަ ދުވަހުގެ ހެނދުނެވެ. އޭގެ ފަހުން ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ވަނީ ރައިސީގެ މަގަށް ތަބާވާނެ ކަމަށް ވައުދުވެ، "މާތްالله އާއި ރައްޔިތުންގެ އެހީތެރިކަމާއެކު ގައުމު ހިންގުމުގައި މައްސަލައެއް ނޯންނާނެ" ކަމަށެވެ.

2021 ވަނަ އަހަރުގެ އީރާނުގެ ރިޔާސީ އިންތިހާބު ރައީސީ ކާމިޔާބު ކުރެއްވީ އިސްލާމިކް ޖުމްހޫރިއްޔާގެ ތާރީހުގައި ވެސް އެންމެ މަދު ވޯޓުންނެވެ. އޭނާއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 1988 ވަނަ އަހަރު އީރާނާއި އިރާގު ހަނގުރާމަ ނިމުނުއިރު އެތައް ހާސް ސިޔާސީ ގައިދީންނެއް ގިނަ އަދަދަކަށް މަރާލުމުގައި އޭނާ ބައިވެރިވުމާ ގުޅިގެންނެވެ.

ރައިސީގެ ވެރިކަމުގައި އީރާނުން މިހާރު ޔޫރޭނިއަމް މުއްސަނދިކުރަނީ ގާތްގަނޑަކަށް ހަތިޔާރު ގްރޭޑްގެ ފެންވަރުގައި ކަމަށާއި ބައިނަލްއަގްވާމީ އިންސްޕެކްޝަންތަކަށް ހުރަސްއެޅޭ ކަމަށް ތުހުމަތު ކުރެވެއެވެ.

ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އީރާނުން ވަނީ ރަޝިޔާއަށް ހަތިޔާރު ދިނުމުގެ އިތުރުން ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލަށް ޑްރޯން މިސައިލްގެ ބޮޑު ހަމަލާއެއް ދީފައެވެ. އަދި ޔަމަނުގެ ހޫތީންނާއި ލުބުނާނުގެ ހިޒްބުالله ފަދަ އިރުމަތީގެ ޕްރޮކްސީ ގްރޫޕްތަކަށް ހަތިޔާރު ދިނުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސީ އަކީ އީރާނުގެ ވެރިކަމުގައި އަވަހާރަވި ދެވަނަ ރައީސެވެ. 1981 ވަނަ އަހަރު އެގައުމުގެ އިސްލާމީ އިންގިލާބަށް ފަހު އުފެދުނު ހަލަބޮލި ދުވަސްތަކުގައި ބޮމެއް ގޮއްވާލައިގެން ރައީސް މުހައްމަދު އަލީ ރަޖާއީ އަވަހާރަކޮށްލިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved