ދެތިން ފަރުވާ ފިޔަވާ މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި ވެސް ނުކުރެވޭ ފަރުވާއެއް ނެތެވެ. ސިއްހީ ދާއިރާ އިން ރާއްޖެ ވެސް މިވަނީ ވަރަށް ބޮޑަށް ކުރި އަރާފައެވެ. ދެރައީ މިކަން އަދުގެ ސަރުކާރުގެ ވަޒީރަކަށް ނޭނގުނީތީއެވެ. ރާއްޖޭގައި ނުކުރެވޭ ދެތިން ފަރުވާގެ ލިސްޓަށް އެމަނިކުފާނު މި އެޑްކޮށްލީ "ޅެން" ފަރުވާއެވެ.
ރާއްޖޭގައި އެ ފަރުވާ ކުރުމަށްޓަކައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބުރާހިމް ދަނީ އަތުކުރި އޮޅާލައިގެން މަސައްްކަތްތަކެއް ކުރައްވަމުންނެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހު ތިމާ މީހާއަކީ ވަރަށްވެސް އެކަމަށް މޮޅު މީހެއް ކަމަށް ދައުވާކޮށް ވިދާޅުވި މޮޅު އެއްޗެެއްގެ ސަބަބުން މިއަދު މުޅި ރާއްޖެ އެމަނިކުފާނަށް އެ ދަނީ ޖޯކު ޖަހަމުންނެވެ. އެގޮތުން ޅެންވެރިކަމަށް މާ ބޮޑު އަހަންމިޔަތުކަމެއް ދެއްވާނެ ކަމަށާއި އެކަން ސާބިތުވެގެން ދާނީ ރާއްޖޭގައި ނަފްސާނީ ބައްޔައް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް "ޅެމުން" ފަރުވާ ދޭން ފެށުމުންކަމަށް ވިދާޅުވެ އަމިއްލަފުޅަށް މެޑަލް ޖެއްސެވިއެވެ.
ވަޒީރު އާދަމް ނަޞީރެވެ. މަނިކުފާނަށް މަނިކުފާނުގެ ވުޒާރާ އޮޅިވަޑައިގަތީތޯ؟ އެހެންކަމުގައިވާނަމަ އަޅުގަނޑު ހަނދާންކޮށްލަދޭނަމެެވެ. މަނިކުފާނު ތިއީ ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރެއް ނޫނެވެ. މަނިކުފާނު ފަރުވާގެ ކަންކަމާ ބޯ ގޮއްވާކަށް ހަގީގަތުގައި އުޅޭކަށް ނުޖެހޭނެއެެވެ.
ހީލިންގް ތްރޫ ރުގްޔާގެ ބަދަލުގައި ހީލިންގް ތްރޫ ޕޮއެޓްރީ މަނިކުފާނު ތި ތައާރަފް ކުރެއްވީ އިސްލާމްދީނަށް ފުރައްސާރަ ކުރަންތޯ؟ ކީރިތި ގުރުއާން އަކީ ޝިފާއެކެވެ. ގުރުއާންގައި ވެސް ބަޔާންކޮށްފައިނުވާ އަދި އިސްލާމްދީނުގެ އެއްވެސް މަސްދަރަކުން ވެސް ޅެމުން ފަރުވާ ހޯދުމުގެ ދަލީލެއް ލިބިފައިނުވާއިރު ވަޒީރު ނަޞީރު ކުރައްވަން މިއުޅުއްވާ ކަމެއް ނޭނގެއެވެ.
ދިވެހި ބަހުގެ އަދަބިއްޔާތު ދިރުވާ ކުރިއަރުވަން ކުރައްވާނެ އަދި ނުކުރައްވާނެ ކަމެއް ނޭނގިގެން ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން މަނިކުފާނު މި އުޅުއްވަނީ ބޮޑު އިސްރާފެއްކުރަން ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.ޅެމުން ފަރުވާ ހޯދަންށޭ ކިޔައިގެން ރައްޔިތުން "ގުނބޯ" ހައްދަވަން ނޫޅޭށެވެ.
ދިވެހީން އެޔަށް ވުރެ ސްމާޓެވެ. ޖައްސަވަން އުޅޭ ދަންތޫރާއިގައި ޖެހިވަޑައިގަންނަވާނީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ.
ޅެމުން ފަރުވާ ދީގެން ޖާދޫގެ ކުނަލުގައި އުދުއްސަން އުޅޭނެ ކަމެއް ނެތް!