

ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން ތިބިއިރު އެ މުވައްޒަފުންގެ މުސާރައަށް އެކަނި ދައުލަތުން މިލިއަނަކަށް ވުރެ ގިނަ ދިވެހި ފައިސާ ޚަރަދުކުރާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދަކު ހުށަހެޅި ރައިޓް ޓު އިންފޯމޭޝަންއަށް ގައުމިއްޔަތު މިނިސްޓްރީއިން ލިޔުމުން ދިން ޖަވާބުން ހާމަވާ ގޮތުގައި، އެ މިނިސްޓްރީގައި ފަސް ސްޓޭޓު މިނިސްޓަރުންނާއި 11 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.
މީގެއިތުރުން 12 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 18 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރަކު ހުރެއެވެ. އަދި މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައިވެސް މުވައްޒަފަކު ހުރެއެވެ. މި ހުރިހާ މުވައްޒަފުންގެ މުސާރައަށް މަހަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގައުމިއްޔަތު މިނިސްޓްރީގެ ސިޠާސި މުވައްޒަފުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ރައީސް ޑރ މުހައްމަދު މުއިއްޒު ޚަރަދު ކުރައްވާއިރު އެ މިނިސްޓްރީއިން މިހާތަނަށް ރައްޔިތުންނާ ގައުމަށް ފައިދާ ވަނިބި ކަމެއް ކޮށްފައިނުވެއެވެ.
އެކި މަސްދަރުތަކުން ހާމަކުރާ ގޮތުގައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު 6000 އަށް ވުރެ މައްޗަށް ވަނި ގޮސްފައެވެ. ނަމަވެސް މި ސަރުކާރުގައި 700 އަށް ވުރެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައިވެސް އަދި އޭގެ ފަހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް އެކި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ގެންދަނީ ސިޔާސީ ގޮތުން އެކި ކުންފުނިތަކަށްވެސް މުވައްޒަފުން އައްޔަންކުރަމުންނެވެ.