ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 45 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ތަލް އަލް ސުލްތާން ސަރަހައްދުގައި ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޮޑު ގޮވުމެއް ގޮވައި ގަދަ އަލިފާންގަނޑު ރޯވެފައިވެއެވެ.
ހައްދުފަހަނައަޅާފައިވާ އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ހަމާސްގެ އިސް ދެ އޮފިޝަލަކު މަރާލާފައިވާ ކަމަށާއި އާންމުންނަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.
އިސްރާއީލުން އާންމުން މަރާފައި ބައިނަލްއަގުވާމީ ޕްރެޝަރު އައުމުން އަަބަދުވެސް އެކަމުގެ ޒިންމާއިން ބަރީއަވާން ބަހަނާ ދައްކައެވެ.
މި ހާދިސާތައް ހިނގާފައިވަނީ މިހާރުވެސް އެތައް ލައްކަ މީހުން ހިޔާވަހިކަން ހޯދާފައިވާ ރަފާހުގައި އިސްރާއީލުން ހިންގާ އަސްކަރީ ހަމަލާ ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކުރިތާ ދެ ދުވަސް ފަހުންނެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ހުކުރު ދުވަހުގެ ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ރަފާގެ މެދުން ހުޅަނގު އުތުރުން ގާތްގަނޑަކަށް 2 ކިލޯމީޓަރު (1.2 މޭލު) ދުރުގައި އޮންނަ ތަލް އަލް ސުލްތާންގައި ހުންނަ އދ. ގެ އިމާރާތަކަށް ކަމަށެވެ.
ފޫޓޭޖުން ފެންނަ ގޮތުގައި “ކުވައިތު ޕީސް ކޭމްޕް '1'" ލިޔެފައިވާ ބެނާއެއްގެ ކައިރީގައި ގިނަ އަދަދެއްގެ ސްޓްރަކްޗަރތަކުގައި އަލިފާން ރޯވެފައިވާއިރު، ފަސްޓް ރެސްޕޮންޑަރުންނާއި އާންމުން ވެސް އެތައް ހަށިގަނޑެއް ހިފައިގެން ތިއްބެވެ.
"އަހަރެމެން ތިބީ ގޭގެ ދޮރުމަތީގައި ސަލާމަތުން. ކުއްލިއަކަށް އަހަންނަށް އިވުނީ މިސައިލެއްގެ އަޑު،" ރޮއިޓާސް ނިއުސް އެޖެންސީއަށް މިހާދިސާ ހެކިވި ފާދީ ދުޚާން ބުންޏެވެ.
"ދުވެފައި ގޮސް ފެނުނީ ދުމުގެ އަސަރުން ފޮރުވިފައި އޮތް މަގު،" އޭނާ އާއި އެހެން މީހުންނަށް ފެނުނީ ބޮމުގެ ހަމަލާގައި މަރުވި އަންހެން ކުއްޖަކާއި ޒުވާނެއް ކަމަށް އޭނާ ބުންޏެވެ.
އައިޑީއެފް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަލް އަލް ސުލްތާނަށް ވައިގެ ހަމަލާއެއް ދީގެން ހަމާސްގެ ދެ ލީޑަރުން ކަމަށްވާ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަތިޔާރު އެޅި ޖަމާއަތުގެ ހަނގުރާމަވެރިންގެ ޗީފް އޮފް ސްޓާފް ޔާސީން ރާބިއާ އާއި އަނިއް ޚާލިދު ނަގަރު މާރާލާފައިވާ ކަމަށެވެ.
ހޯމަ ދުވަހު އައިޑީއެފްގެ އެޑްވޮކޭޓް ޖެނެރަލް ދެއްކި ވާހަކައިގަ ރަފާހުގައި ހިނގި ހާދިސާއަކީ "ވަރަށް އުނދަގޫ" ހާދިސާއެއް ކަމަށް ސިފަކޮށް، ހަނގުރާމައިގެ ތެރޭގައި ބައިވެރި ނުވާ އާންމުންނަށް ލިބުނު ގެއްލުމަކުން ހިތާމަކުރާ ކަމަށް ބުންޏެވެ.