March 11, 2026
Advertisement
.
. / އޭއެފްޕީ

ރަޝިޔާއަށް ހަމަލާ ދޭން ފަރަންސޭސި ހަތިޔާރު ބޭނުން ކުރެވިދާނެ: މެކްރޮން

Azzama
އައްޒާމާ
May 29, 2024, 04:05 PM

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ހޯމަ ދުވަހު ވިދާޅުވީ ރަޝިޔާގެ އެތެރޭގައި ޔޫކްރޭނަށް ހަމަލާދޭ އަމާޒުތަކަށް ދުރުރާސްތާ މިސައިލް ހިމެނޭ ގޮތަށް ފްރާންސްގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

Advertisement

"އަޅުގަނޑުމެންނަށް ހީވަނީ މިސައިލްތައް ފޮނުވާ އަސްކަރީ ތަންތަނާއި، އަސާސީ ގޮތުން ޔޫކްރޭނަށް ހަމަލާދޭ އަސްކަރީ ތަންތަން ނިއުޓްރަލައިޒް ކުރުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް،" ޖަރުމަނުގެ ބްރެންޑަންބާގްގައި ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްރޮން ވިދާޅުވިއެވެ.

"ޔޫކްރޭންގެ ފަސްގަނޑަށް ހަމަލާ ދެމުންދަނީ ރަޝިޔާގެ ބޭސްތަކުން. އެހެންވީމާ ކިހިނެއްތޯ އަޅުގަނޑުމެން ޔޫކްރޭންގެ މީހުންނަށް ވިސްނައިދޭނީ އަޅުގަނޑުމެން މި ރަށްތައް ހިމާޔަތް ކުރަން ޖެހޭނެ ކަމަށް... އަޅުގަނޑުމެންނަށް ކިހިނެއްތޯ ބުނެވޭނީ މިސައިލްތައް ފޮނުވާ ތަންތަނަށް ހަމަލާ ދިނުމުގެ ހުއްދައެއް ނެތް ކަމަށް؟”

ފްރާންސްގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ފްރާންސުން ވަނީ އެސްސީއޭއެލްޕީގެ ކްރޫޒް މިސައިލްތައް އަދަދު ނޭނގޭ އަދަދަކަށް ޔޫކްރޭނަށް ފޯރުކޮށްދީފައެވެ.

ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ މިސައިލް ތްރެޓް ޕްރޮޖެކްޓުން ބުނާ ގޮތުގައި އެސްސީއޭއެލްޕީ މިސައިލްތަކުގެ ދުރުމިނަކީ 155 ކިލޯމީޓަރު (96 މޭލު) އެވެ. އަދި އޭގައި 400 ކިލޯ (881 ޕައުންޑް) ގެ ހައި އެކްސްޕްލޮސިވް ޕެނެޓްރޭޝަން ވޯހެޑެއް އެކުލެވެއެވެ.

އެސްސީއޭއެލްޕީ އަކީ ޔޫކްރޭނަށް ވެސް ދީފައިވާ އިނގިރޭސިވިލާތުގެ ސްޓޯމް ޝެޑޯއާ އެއްވަރުގެ މިސައިލެކެވެ. މި މަހުގެ ކުރީކޮޅު އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވިދާޅުވީ ކިއެވްގެ އިޚްތިޔާރުގައި އެ މިސައިލް ބޭނުން ކުރެވިދާނެ ކަމަށެވެ.

ފްރާންސުން ޔޫކްރޭނަށް ފޯރުކޮށްދޭ އަސްކަރީ ހަތިޔާރު ތެރޭގައި 42 ކިލޯމީޓަރުގެ ރޭންޖެއް ހިމެނޭ ސީޒަރު ސެލްފް ޕްރޮޕެލްޑް ހޮވިޓްޒާ ވެސް ހިމެނެއެވެ.

މެކްރޮން ފާހަގަކުރެއްވި ގޮތުގައި ފްރާންސްގެ ހަތިޔާރު ބޭނުންކުރަން ޖެހެނީ ހަމައެކަނި ޔޫކްރޭނަށް ހަމަލާދޭ އަމާޒުތަކަކާ ދިމާއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved