އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޣައްޒާގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އިސްރާއީލުން ހުށަހަޅާފައިވާ އާ ހުށަހެޅުމެއް ބަލައިގަތުމަށް ހަމާސްއަށް އިލްތިމާސްކޮށް، "މި ހަނގުރާމަ ނިމުމަކަށް އަންނަންވީ ވަގުތު ޖެހިއްޖެ" ކަމަށް ވިދާޅުވެފައެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ހުށަހަޅާފައިވާ މި ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ހަ ހަފްތާ ވަންދެން ހަނގުރާމަ ހުއްޓާލައި ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދުތަކުން އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ފައިބަން ޖެހޭނެއެވެ.
އަދި އިންސާނީ އެހީ "ބޮޑުތަނުން" އިތުރުވުމުގެ އިތުރުން ފަލަސްތީނުގެ ގައިދީންނަށް ރަހީނުކޮށްފައިވާ ބައެއް މީހުން ބަދަލުކުރުން ވެސް އޮންނާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދާއިމީގޮތެއްގައި "ހަނގުރާމަ ހުއްޓާލުން" އަދި ޣައްޒާއަށް އަލުން އާރާސްތުކުރުމުގެ ބޮޑު ޕްލޭނަކަށް މަގުފަހިވެގެންދާނެއެވެ.
ހަމާސްއިން ބުނީ އެ ހުށަހެޅުމަށް "ޕޮޒިޓިވްކޮށް" ދެކޭ ކަމަށެވެ.
ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ހުށަހަޅާފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާގައި "އެއްކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި" އާބާދީ ބޮޑު ސަރަހައްދުތަކުން އައިޑީއެފްގެ ސިފައިން ފޭބުމާއި ފަލަސްތީނުގެ ގައިދީންނަށް ހަމާސްއިން 'ރަހީނު' ކޮށްފައިވާ އިސްރާއީލު ރައްޔިތުން ބަދަލުކުރުން ހިމެނޭނެ ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއެކު "ކޮންމެ ދުވަހަކު 600 ޓްރަކުން ޣައްޒާއަށް އެހީ ގެންދާނެ" ކަމަށެވެ.
ދެވަނަ މަރުހަލާގައި ދިރިތިބި ހުރިހާ 'ރަހީނުން' އަނބުރާ ފޮނުވާލާނެ ކަމަށާއި އޭގެ ތެރޭގައި ފިރިހެން ސިފައިން ވެސް ހިމެނޭ ކަމަށް ބައިޑަން ވިދާޅުވިއެވެ.
އެ ހުށަހެޅުމަށް ހަމާސްއަށް އެއްބަސްވުމަށް އިލްތިމާސްކުރި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވެސް ހިމެނެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ އެކްސްގައި ލިޔުނު ޕޯސްޓެއްގައި މި ޑީލަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އަޅުގަނޑު [ރައީސް] ބައިޑަންގެ އިސްނެގުމަށް މަރުހަބާ ކިޔަން [އަދި] ހަނގުރާމަ ހުއްޓާލުމާއި، ހުރިހާ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި، ހުރަހެއް ނެތި އިންސާނީ އެހީތެރިކަމުގެ ޔަގީންކަން [އަދި] އެންމެ ފަހުން މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަށް މި ފުރުސަތު ބޭނުން ކުރުމަށް ހުރިހާ ފަރާތްތަކަށް ހިތްވަރު ދެން،" އޭނާ ވިދާޅުވިއެވެ.
ބައިޑަންގެ ވާހަކަފުޅުގައި ވަނީ ފުރަތަމަ މަރުހަލާއާއި ދެވަނަ މަރުހަލާއާ ދެމެދު މަޝްވަރާތައް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރައްވާފައެވެ.
މި ހުށަހެޅުމުގެ ތިން ވަނަ މަރުހަލާގައި މަރުވެފައިވާ އިސްރާއީލުގެ ރަހީނުންގެ ހަށިތައް އަނބުރާ ގެންދިއުމުގެ އިތުރުން އެމެރިކާ އާއި ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އަލުން ބިނާކުރުމަށް "ބޮޑު ރިކޮންސްޓްރަކްޝަން ޕްލޭނެއް" އެކުލަވާލާނެ އެވެ.