March 12, 2026
Advertisement
ދެކުނު އެފްރިކާގެ ގައުމީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ މީހަކު ބަލަނީ
ދެކުނު އެފްރިކާގެ ގައުމީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ މީހަކު ބަލަނީ / ރޮއިޓަރސް

30 އަހަރު ފަހުން މަންޑޭލާގެ އޭއެންސީއަށް ދެކުނު އެފްރިކާގެ އަޣުލަބިއްޔަތު ގެއްލިއްޖެ

Azzama
އައްޒާމާ
Jun 2, 2024, 12:12 AM

ދެކުނު އެފްރިކާގެ ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ފުރަތަމަ ފަހަރަށް ޕާލަމެންޓްރީ މެޖޯރިޓީ ގެއްލުމުގެ މަގުމަތީގައި އޮތް ކަމަށް މިހާރު ކުރިޔަށްދާ ވޯޓު ގުނުމުގެ މަރުހަލާގެ ނަތީޖާއިން ދައްކައިފިއެވެ.

Advertisement

ނަތީޖާ އަދި ފައިނަލް ނުވި ނަމަވެސް 97 އިންސައްތައަށްވުރެ ގިނަ ވޯޓު ގުނާފައިވާއިރު އޭއެންސީއަށް ލިބިފައިވަނީ އެންމެ 40 އިންސައްތައެވެ.

1994 ވަނަ އަހަރު ހުދު ނަސްލުގެ އަނިޔާވެރި މައިނޯރިޓީ ވެރިކަން ނިމުމަކަށް އައި ފަހުން 30 އަހަރު ވަންދެން ދެކުނު އެފްރިކާގެ ސިޔާސީ މައިދާނުގައި އޭއެންސީގެ ބާރު ގަދަވެ، އެ ޕާޓީ އެންމެ އުހަށް އެރި އިރު އެފްރިކާގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުގައި 70 އިންސައްތަ ވޯޓު ލިބުނެވެ.

އިލެކްޝަންސް އޮފިޝަލުން ބުދަ ދުވަހުގެ އިންތިހާބުގެ ފައިނަލް ނަތީޖާ އާދީއްތަ ދުވަހުގެ ނިޔަލަށް އިއުލާން ކުރާނެ ކަމަށް ބުނި ނަމަވެސް، މިހާރު އޭގެ ކުރިން އިއުލާންކޮށްފާނެ ކަމަށް ބެލެވެއެވެ. މިހާރު ކުރިޔަށްދަނީ 23،000 ވޯޓު ފޮށީގެ ތެރެއިން އެންމެ ފަހުގެ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.

ބައެއް ގޮތްގޮތުން ވޯޓުގެ އެންމެ ބޮޑު ހިއްސާ އަދިވެސް އޮތީ އޭއެންސީއަށް ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. އެކަމަކު އަޣުލަބިއްޔަތެއް ނެތި ސަރުކާރުގައި ދެމިތިބުމަށް އެހެން ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ އެކު ކޯލިޝަނެއް ހަދަން ޖެހޭ ކަމަށް ބެލެވެ އެވެ. އެކަމުގެ ސަބަބުން މަންޑޭލާގެ 'ދަރިވަރެއް' ކަމަށްވާ ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާގެ މުސްތަގުބަލަށް ވެސް އަސަރުތަކެއް ކުރާނެއެވެ.

ސައުތު އެފްރިކާގެ ރައްޔިތުން ގައުމީ އިންތިހާބުގައި ވޯޓު ދެނީ ޕާޓީތަކަށް ދޭނެ ގޮނޑިތަކުގެ އަދަދު ކަނޑައެޅުމަށެވެ. އެއަށްފަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ރައީސް އިންތިޚާބު ކުރާއިރު، އޭއެންސީއަށް %50 އަށްވުރެ މަދުވެއްޖެނަމަ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތު ނުލިބޭނެއެވެ. ދެވަނަ އަދި އެންމެ ފަހު ދައުރަކަށް ރަމަފޯސާ އަލުން އިންތިޚާބު ކުރުމަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެއެވެ.

އިންތިޚާބުގެ ފައިނަލް ނަތީޖާ ރަސްމީކޮށް އިއުލާން ކުރާތާ 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރައީސަކު އިންތިހާބު ކުރަން ޖެހޭނެއެވެ.

އިއްތިހާދުގެ އެއް ބައިވެރިޔެއް ކަމަށްވާ އާ އެމްކޭ ޕާޓީން ބުނީ އެއްވެސް އެއްބަސްވުމަކަށް އެމީހުންގެ އެއް ޝަރުތަކީ އޭއެންސީގެ ލީޑަރު އަދި ރައީސްގެ މަގާމުން ރަމަފޯސާ ވަކިކުރުން ކަމަށެވެ.

"އަޅުގަނޑުމެން ތިބީ އޭއެންސީއާ އެކު މަޝްވަރާ ކުރަން ތައްޔާރަށް، އެކަމަކު ސައިރިލް ރަމަފޯސާގެ އޭއެންސީއާ އެކު ނޫން،" އެމްކޭ ޕާޓީގެ ތަރުޖަމާނު ންހަލަމުލޯ ންޑްލޭ ވިދާޅުވިއެވެ.

ގައުމީ އިންތިހާބުގައި 50 އަށް ވުރެ ގިނަ ޕާޓީން ވާދަކުރި ނަމަވެސް އޭއެންސީ އަޣުލަބިއްޔަތާ ވަރަށް ބޮޑުތަން ދުރުގައި އޮތުމުން މައި ތިން ޕާޓީގެ ތެރެއިން އެއް ޕާޓީއާ ގާތްވާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މައި އިދިކޮޅު ޑިމޮކްރެޓިކް އިއްތިހާދަށް މިވަގުތު %21 ވަރަކަށް ވޯޓު ލިބިފައިވާއިރު؛ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ އެމްކޭ ޕާޓީއަށް %14 އަދި އިކޮނޮމިކް ފްރީޑަމް ފައިޓާސް އަށް %9 ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved