- / ރޮއިޓަރސް
ދުނިޔެ
ޒެލެންސްކީ ބާއްވަން އުޅުއްވާ ސުލްހައިގެ ސަމިޓަށް ރަޝިޔާއާ ޗައިނާއިން ހުރަސް އަޅާ ކަމަށް ތުހުމަތުކުރައްވައިފި
Azzama
އައްޒާމާ
02 ޖޫން 2024

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ ސްވިޒަލޭންޑުގައި އެމަނިކުފާނު ބާއްވާ ދުނިޔޭގެ ސުލްހައިގެ ސަމިޓަށް ރަޝިޔާ އާއި ޗައިނާއިން ހުރަސްއަޅަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރަޝިޔާއިން މަސައްކަތް ކުރަނީ އެހެން ދައުލަތްތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް ފަސްޖެހުމަށް ކަމަށާއި، ޗައިނާއިންވެސް މިކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޝިއާގެ ސަލާމަތީ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ރަޝިޔާގެ ހަތިޔާރު ތަކުގައި ޗައިނާގެ އުފެއްދުންތައް ހިމެނޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޔޫކްރޭން ހަނގުރާމައިގައި އެއްވެސް ފަރާތަކަށް ނުޖެހޭ ކަމަށް ޗައިނާއިން ބުނެފައިވެއެވެ.

ބެއިޖިންގެ މައްޗަށް ތުހުމަތު ކުރެވެނީ ހަތިޔާރަށް ބޭނުންވާ ކޮމްޕޯނެންޓްތައް ފޮނުވައިގެން މޮސްކޯއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ތެލާއި ގޭސް ގަނެގެން ރަޝިޔާގެ އިގްތިސާދު ވަރުގަދަކޮށް، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މަޑުޖައްސާލުމުގެ ތުހުމަތު ވެސް ކުރެވެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ޗައިނާގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫން ފަދަ ދުނިޔޭގެ އަސްކަރީ ވެރިން ބައިވެރިވި ސިންގަޕޫރުގައި ބޭއްވި ޝަންގްރިއްލާ ޑައިލޮގުގައި ޒެލެންސްކީ ބައިވެރިވީ ކުރިން އިއުލާން ކުރުމަކާ ނުލައެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ އޭޝިއާގެ ޤައުމުތަކުގެ ތާއީދު ޔޫކްރޭނަށް ބޮޑުކުރުމެވެ. ސަރަހައްދީ ލީޑަރުންނާ ބައްދަލުވުމުގެ އިތުރުން ޖޫން މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ އޭނާގެ ސަމިޓުގައި ބައިވެރިވުމަށް ވެސް މަންދޫބުންނަށް އިލްތިމާސް ކުރެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ނިއުކްލިއާ ސަލާމަތާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރަޝިޔާގައި ބަންދުކޮށްފައިވާ ހަނގުރާމައިގެ އަސީރުންނާއި ޔޫކްރޭންގެ ކުޑަކުދިން ދޫކޮށްލުމަށް ފޯކަސް ކުރާނެ ކަމަށެވެ.

މިހާތަނަށް 106 ގައުމަކުން ވަނީ ސަމިޓަށް މަތީ ފެންވަރުގެ މަންދޫބުން ނުވަތަ އެގައުމުތަކުގެ ލީޑަރުން ފޮނުވާނެ ކަމަށް ބުނެފައެވެ.

ރަޝިޔާއަށް ދައުވަތު ދީފައި ނުވާއިރު ޗައިނާއިން ވެސް ބައިވެރިއެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved