އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް އިންތިޚާބުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.
އެކި އެކި ނޫސް އެޖެންސީތަކުން ނެރެފައިވާ މި ޕޯލްތަކަކީ މީގެ ކުރިން ވެސް ގިނަ ފަހަރަށް ގޯސް ކޮށް އަންދާޒާކޮށްފައިވާ ނިންމުންތަކެކެވެ.
ނަމަވެސް މި ހުރިހާ އެގްޒިޓް ޕޯލް ތަކުގައިވެސް އެންމެ ކުރީގައި އުޅުއްވަނީ މޯދީގެ ބީޖޭޕީއެވެ.
ބީޖޭޕީ އާއި އިދިކޮޅު މައި ކޮންގްރެސް ޕާޓީ އަދި ސަރަހައްދީ ވާދަވެރިން ވަނީ ވޯޓުލުމުގެ ހަތް މަރުހަލާއެއްގައި ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.
ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ 4 ޖޫންގައެވެ.
ޕާޓީއަކަށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް މަޖިލީހުގެ 272 ގޮނޑި ބޭނުންވެއެވެ.
ބީޖޭޕީ އިސްވެ އޮންނަ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކުރާނެކަމަށް ބެލެވެއެވެ.
ވޯޓުލުން ނިމުމަށްފަހު މޯދީ ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ވަނީ އެގްޒިޓް ޕޯލްތަކަށް އިޝާރާތް ކުރުމެއް ނެތި ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް ދައުވާ ކުރައްވާފައެވެ.
"އަޅުގަނޑަށް ޔަގީންކަމާ އެކު ބުނެވިދާނެ، އެންޑީއޭ ސަރުކާރު އަލުން އިންތިހާބު ކުރުމަށް އިންޑިއާގެ ރައްޔިތުން ރެކޯޑް އަދަދަކަށް ވޯޓު ދީފި ކަމަށް،" އެމަނިކުފާނު އެކްސްގައި ލިޔުއްވާފައިވެ އެވެ.
މިހާރު ޖުމްލަ ހަ އެގްޒިޓް ޕޯލުން ބީޖޭޕީ އިސްވެ އޮވެ އޮންނަ އެންޑީއޭއަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިފަދަ ސާވޭތަކަކީ ގިނަފަހަރު އިތުބާރު ކުރެވޭ ސާވޭތަކެއް ނޫނެވެ.
ވަކިވަކި އަދަދުތައް ތަފާތުވި ނަމަވެސް އެންޑީއޭއަށް 355 އާއި 380 އާ ދެމެދުގެ ގޮނޑި ލިބޭނެ ކަމަށް ޕޯލްތަކުން ލަފާކުރެއެވެ.
މިއިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ހިމެނޭ ކޯލިޝަން 'އިންޑިއާ ބްލޮކް'އަށް 125 އާއި 165 އާ ދެމެދުގެ ގޮނޑިއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.