ބުރާސްފަތި ދުވަހު ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި އދ.ގެ ދަށުން ހިންގާ ސްކޫލަކަށް ހައްދުފަހަނައެޅި އިސްރާއީލުން ދިން ހަމަލާއެއްގައި އެތައްބަޔަކު ޝަހީދުވެއްޖެއެވެ.
ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ އެޖެންސީ ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ އެ ސްކޫލުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ 40 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ނުވަ އަންހެނުންނާއި 14 ކުޑަކުދިން ހިމެނޭ ކަމަށެވެ.
އިސްރާއީލު ސިފައިން ބުނީ އެ ސްކޫލުގައި ހަމާސް ކޮމްޕައުންޑެއް ހުރި ކަމަށާއި، އެ ސްކޫލުގެ ހަމަލާގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގައި ބައިވެރިވި ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ.
އެއަށްފަހު އިތުރަށް ބުނެފައިވަނީ 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އެ ސްކޫލަށް އެއްވެފައިވާ ކަމަށެވެ.
އިސްރާއީލަކީ ހަމައެއް ލަމައެއް ނެތި އާންމުންނަށް ހަމަލާދީ، އަދި އޮޅުވާލުމަށް ހަމަލާ އަމާޒު ކުރަނީ މުޖާހިދުންނަށް ކަމަށް އާންމުކޮށް ބުނާ ބައެކެވެ.
އިސްރާއީލުގެ މި ވާހަކަތައް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ދޮގުކޮށްފައެވެ.
އެ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް އަލް ތަވަބްތާ ރޮއިޓާސް އަށް ވިދާޅުވި ގޮތުގައި، ގެދޮރު ގެއްލިފައިވާ އެތައް ބަޔަކާ ދެކޮޅަށް އިސްރާއީލުން ހިންގި އަނިޔާވެރި ޖަރީމާ ޖަސްޓިފައި ކުރުމަށް ޓަކައި ހަގީގަތާ ހިލާފު ވާހަކަތަކެއް މެދުވެރިކޮށް އާންމުންގެ ވިސްނުން ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށެވެ.