ޑރ ޖަމީލް އަދި ފަލާހް / ތޭރަގްރެފިކްސް
ސިޔާސީ
ޑރ ޖަމީލްގެ ސުވާލެއް ފަލާހަށް: މިދިޔަ ފަސް އަހަރު ޕީޖީ ލީޑާރ ފަލާހް ހުންނެވީ ކޮންތާކު؟
Aishath Naja
އައިޝަތު ނަޖާ
07 ޖޫން 2024
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ލީޑާރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ނިމިދިޔަ ފަސް އަހަރު ހުންނެވީ ކޮންތަނެއްގަތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވީ ޗެނަލް 13 ގެ "ވީކެންޑް ވިދް ޑރ ޖަމީލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ މިއަދު މިއޮތް ވެރިކަން ގެނައުމުގައި ފަލާހް އެއްވެސް ދައުރެއް އަދާކޮށްފައިވާ ނުވާނެކަމަށެވެ.

ނިމިދިޔަ ފަސް އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށްޓަކައި ގޮވާލާ މަގުމަތީ ކުރިޔަށް ގެންދިޔަ އިހުތިޖާޖްތަކުގައި ވެސް ޕީޕީއެމްގެ އާންމު މެމްބަރުން އުޅުއްވި އިރު ފަލާހް އުޅުއްވީ ދޯނި ބަންނަންކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފަލާހަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

އެގޮތުން ޑރ ޖަމީލް ވަނީ ފަލާހް ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލް އާންމަކީ ދެ ގައުމެއްގެ ދޭތެރެޭ ހިނގާ ކަމެއް ކަމަށް ވިދާޅުވުމުން އެއީ ޕީޕީއެމްގެ ފިކުރު ނޫންކަމަށް ވިދާޅުވެފައެވެ.

ފަލާހް ޕީޕީއެެމް އަށް ކޮށްދިން އެއްވެސް މަސައްކަތެއް ނެތްއިރުވެސް "ޕީޖީ" ލީޑަރު ފަދަ ބޮޑު މަގާމެއް އޭނަ އަށްް ރައީސް މުއިއްޒު ދެއްވީ އަދުރޭގެ އެދުމުގެ މަތިން ކަމަށް ވެސް ޑރ ޖަމީލް ވަނީ ވީދާޅުވެފައެވެ.

ރ އަތޮޅު އެތާގައި އޮޑި ބަންނަންށާއި އޭނާ ވިޔަފާރިކުރަން ހުރެފައި ކުއްލިއަކަށް ފުންމާލާފައި އައިސް ދެން މި ފެށީ ބޮޑު ނުއުފުއްލޭވަރުގެ މަގާމެއް. ޕީޖީ ލީޑަރު. ދެން މީނާ އަކީ ކިޔަވައިގެންހުރި މީހެއްވެސް ނޫން. ޕްރޮޕާލީ ތަނަކުން ނިމިފައި ހުރިވެސް މީހެއް ނޫން. ގްރޭޑް 10 ވެސް ނިންމާފައި ހުރި ކުއްޖެއް ނޫން. ދެން ކޯއްޗެއް އޭނާއަށް އެނގޭނީ ދޭދޭ ގައުމެކޭ ކިޔަން

- ޑރ ޖަމީލް ވިދާޅުވިއެވެ.

ފަލަސްތީނުގެ ތާރީހު މިއަދު ދުނިޔޭގެ އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެކަމަށާއި އެކަން ފަލާހަށް ނޭނގުމަކީ ހިތާމަހުރި ކަމެއް ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved